ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބަރާތުގެ ގުރޫޕު މަރުހަލާގެ މެޗުތަކުގެ ކުޅުން ނިމި، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ޓީމުތަށް ކަށަވަރުވެއްޖެއެވެ.
ރޭގައި ކުޅުނީ މި މުބާރާތުގެ ގުރޫޕް މަރުހަލާގެ އެންމެ ފަހު ތިން މެޗެވެ. މި ތިން މެޗާއި އެކު ގުރޫޕު މަރުހަލާގެ މެޗުތައް ކުޅެ ނިމުނުއިރު، މި މެޗުތަކަށް ފަހު، ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއަ ޓީމުތައްވެސް ކަށަވަރުވެފައެވެ.
ރޭގައި ކުޅުނު މެޗުތަކަށް ބަލާއިރު، ރޭ ފުރަތަމަ ކުޅުނީ 16 އަހަރުން ދަށުގެ އުމުރުފުރައިގައި ހިމެނޭ ފޮއެމަތި ޖޫނިއަރސް އަދި ބްލެކް ސްޓްރީޓްއެވެ. މި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބުކުރީ ބްލެކް ސްޓްރީޓުންނެވެ. މިއީ މި ޓީމުން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅެއް ހޯދުނު ހަމައެކަނި މެޗެވެ. އަނެއް ދެ މެޗުން ވަނީ ބަލިވެފައެވެ. ބްލެކް ސްޓްރީޓާއި ދެކޮޅަށް ކުޅުނު ފޮއެމަތި ޖޫނިއަރސް ކުޅުނު ތިން މެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ.
ބްލެކް ސްޓްރީޓް އަދި ފޮއެމަތި ޖޫނިއަރސް ބައްދަލުކުރި މި މެޗާއި އެކު ގުރޫޕު ގެ މެޗުތައް ކުޅެ ނިމުނުއިރު، މި ގުރޫޕުން ކުއާޓާ ފައިނަލްގެ ޖާގަތައް ކަށަވަރު ކޮށްފައި ވަނީ ބެސްޓް ޖޫނިއަރސް އަދި ކަންމަތި ނިއު ޖެނެރޭޝަންއެވެ. ބެސްޓް ޖޫނިއަރސް ކުއާޓާ ޔަގީންކުތީ ގުރޫޕުގައި ކުޅުނު ތިން މެޗުވެސް ކަމިޔާބުކޮށް ނުވަ ޕޮއިންޓާއި އެކު ގުރޫޕު އީގެ އެއްވަނަ ހޯދައިގެންނެވެ. އަދި ކަންމަތި ނިއުޖެނެރޭޝަން ކުއާޓާއިން ޖާގަ ހޯދީ ތިން މެޗުން ހަ ޕޮއިންޓު ހޯދައިގެން ގުރޫޕުގެ ދެވަނަ ހޯދައިގެންނެވެ.
ބްލެކް ސްޓްރީޓް އަދި ފޮއެމަތި ޖޫނިއަރސް ބައްދަލުކުރި މި މެޗުގައި ބްލެކް ސްޓްރީޓުގެ ދެ ލަނޑުވެސް ޖަހައިދިނީ އިބުރާހީމް ވިކާޝްއެވެ. އަދި ފޮއެމަތީގެ ހަމައެކަނި ލަނޑު ޖަހައިދިނީ އިބުރާހީމް ނަސީޙުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީވެސް ބްލެކް ސްޓްރީޓްއަށް ދެ ލަނޑު ޖަހައިދިން އިބުރާހީމް ވިކާޝްއެވެ.
ރޭގައި ދެވަނައަށް ކުޅުނީ ގުރޫޕް އޭގައި ހިމެނޭ ކަންމަތި ސްޕޯޓްސް ކުލަބާއި ޔޫތް ރިވޮލިއުޝަން ކުލަބް ބައްދަލުކުރި މެޗެވެ. މި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ކަންމަތި ސްޕޯޓްސް ކުލަބުންނެވެ. މި މެޗާއި އެކު ގުރޫޕް އޭގެ ގުރޫޕް މެޗުތައް ވެސް ކުޅެ ނިމުނުއިރު، މި ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ކަށަވަރުކުރީ އައުޓްރީފް ސްޕޯޓްސް ކުލަބުންނެވެ. އެޓީމުން ވަނީ ގުރޫޕުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ. އަދި ރޭގެ މޮޅާއި އެކު ކަންމަތި ސްޕޯޓްސް ކުލަބް ކުއާޓާ ކަށަވަރުކުރީ ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ކަންމަތި ތިން މެޗު ކުޅުނުއިރު، އެއްމެޗުން ވަނީ ބަލިވެފައެވެ. މި ގުރޫޕުން ކުއާޓާގެ ފުރުސަތު ގެއްލުނީ ވައިއާރުސީ އަދި އެފްއެމް އެސްސީއަށެވެ.
ކަންމަތި އަދި ވައިއާރުސީ ބައްދަލުކުރި މި މެޗުގައި ކަންމައްޗަށް ލަނޑުތައް ޖަހައިދިނީ ޖުމެއިލް ޖަމީލް، ޒައިދާން އަބުދުﷲ އަދި އަލީ ސާމިސްއެވެ. ވައިއާރުސީގެ ހަމަ އެކަނި ލަނޑު ޖަހައިިދިނީ ހުސެއިން އަޒްމީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަންމަތީގެ ޖުމެއިލް ޖަމީލްއެވެ.
ރޭގައި ކުޅުނު ފަހު މަޗުގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ ބެސްޓް ސްޕޯޓްސް ކުލަބް އާއި މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާއެވެ. މި މެޗު 15-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ބެސްޓް ސްޕޯޓްސް ކުލަބުންނެވެ. މި މެޗުން ހޯދި މޮޅާއި އެކު ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއިން ޖާގަ ލިބިފައި މިވަނީ ބެސްޓް ސްޕޯޓްސް ކުލަބަށެވެ. އެޓީމުން ވަނީ ގުރޫޕުގައި ކުޅުނު ހުރިހާ މެޗެއްވެސް ތަފާތު ބޮޑު ނަތީޖާތަކަކުން ކާމިޔާބު ކޮށްފައެވެ. މިއާއި އެކު ބެސްޓުން ކުއާޓާގެ ޖާގަ ކަށަވަރުކުރީ އެޓީމު ހިމެނޭ ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި މި ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއިން ޖާގަ ހޯދީ ބިގް ޝޮޓްސް ސްޕޯޓްސް ކުލަބެވެ. އެއީ ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއި އެކުގައެވެ.
މި މެޗުގައި ބެސްޓް ޓީމަށް ލަނޑުތައް ޖަހައިދިނީ އަޙުމަދު ޙަލީމް، އަޙުމަދު ރަޝީދު، ހުސެއިން ނާޝިދު، އަލީ އަލްސަން އަދި މުޙައްމަދު އަރީޝްއެވެ. މީގެ ތެރެއިން އަހުމަދު ހަލީމް ހަތަރު ލަނޑު ޖެހިއިރު، އަލީ އަލްސަން ވަނީ ހަ ލަނޑު ޖަހައިފައިއެވެ. މި މެޗު މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި މެޗުގައި ބެސްޓަށް ހަ ލަނޑު ޖަހައިދިން އަލީ އަލްސަންއެވެ.
މިއާއި އެކު މުބާރާތުގެ ގުރޫޕް މަރުހަލާގެ މެޗެތައް ކުޅެ ނިމުނީއެވެ. ދެން އޮންނާނީ މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތަކެވެ. ކުއާޓާ ފައިނަލް މެޗުތަކުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭގައެވެ. ކުއާޓާއިން ޖާގަ ކަށަވަރު ކުރި ޓީމުތައް.
16 އަހަރުން މަތި:
ގުރޫޕް އޭ – އައުޓްރީފް ސްޕޯޓްސް ކުލަބް، ކަންމަތި ސްޕޯޓްސް ކުލަބް.
ގުރޫޕް ބީ – ބެސްޓް ސްޕޯޓްސް ކުލަބް. ބިގް ޝޮޓްސް ސްޕޯޓްސް ކުލަބް.
ގުރޫޕް ސީ – ރަސްހިންނެ ސްޕޯޓްސް ކުލަބް، ޔުނައިޓެޑް އައުޓްރީފް.
ގުރޫޕް ޑީ – ކިންގް ސްޕޯޓްސް ކުލަބް، ކިއުއެމް ސްޕޯޓްސް އެކަޑަމީ.
16 އަހަރުން ދަށް:
ގުރޫޕް އީ – ބެސްޓް ޖޫނިއަރސް، ކަންމަތި ނިއު ޖެނެރޭޝަން.
ގުރޫޕް ބީ – ރަސްހިންނެ ބާބާ ސްޕޯޓްސް ކުލަބް، އައުޓްރީފް ޖޫނިއަރސް.
މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތަކުގެ ކުޅުން މިރޭ ފަށާނެއެވެ. އެގޮތުން މިރޭ ކުޅޭނީ ކުއާޓާ ފައިނަލުގެ ދެ މެޗެވެ. އެގޮތުން 9:30 ގައި ކުއާޓާގެ ފުރަތަމަ މެޗު ކުޅޭއިރު، މި މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިއަ އައުޓްރީފް ސްޕޯޓްސް ކުލަބް އަދި ގުރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިއަ ޔުނައިޓެޑް އައުޓްރީފެވެ.
މިރޭ 10:30 ގައި ކުޅޭ ކުއާޓާގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއް ދިއަ ބެސްޓް ސްޕޯޓްސް ކުލަބް އަދި ގުރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިއަ ކިއުއެމް ސްޕޯޓްސް އެކަޑަމީއާއެވެ.
މި މުބާރާތުގެ ހުރިހާ މެޗެއްވެސް ސޮސައިޓީ ފޮރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން ގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތަކީ ލ. ގަން، ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން (ސްޓަރ) ގެ ފަރާތުން އިސްނަގައިގެން ކޮންމެ ރަމަޟާން މަހަކު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ،
މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް މި އަހަރު 15،000 ރުފިޔާ ދޭނެ އެވެ.
މުބާރާތުގެ ސްޕޮންސަރުން:
ޓައިޓަލް ސްޕޮންސަރ: ލ، ގަން ކައުސިލް
ކޯ ސްޕޮންސަރ: ނޫފަރު ބްރަދާސް. ލ. ގަމު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓް ޔޫޞުފް ނަޝީދު.
ބްރޮންޒް ސްޕޮންސަރ: ލެޒިޒް، މަޒީ ކެމިސްޓް، ފިނިތަރި ހޮޓާ، ބްރޯވީ މާޓް، ކަރަވަން ޓެކްސީ، ދަ ނޮޓްބައި ރޫޓް 66 ލާމު، ނޫފަރު ގޭސް، މަސްކުރި. ރީޝް.
އޮންލައިން މީޑިއާ ޕާރޓްނަރ: އޭއޯ ނިއުސް.
ކިޓް ޕާރޓްނަރ: ބަމްބަމްބީ.
ފޮޓޯގްރަފީ ޕާރޓްނަރ: އައިކެންޑީ.
މީޑިއާ ޕާރޓްނަރ: އެމްއާރު ޕްރޮޑަކްޝަން.
ޕްރިންޓިންގް ޕާރޓްނަރ: އިންކް މޯލްޑިވްސް.
ބެވަރޭޖް ޕާރޓްނަރ: ޝަބްނަމީ ހޯލްޑިން.
ޑިޖިޓަލް ޕާރޓްނަރ: ދިރާގު
މުބާރާތުގެ ސެކިއުރިޓީ އެސިސްޓެންސް: މޯލްޑިވްސް ޕޮލިސް ސާވިސް.
ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ.
މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ހުރިހާ މެޗެއްގެ ހަބަރު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.