English Edition
Dhivehi Edition
ސޯލްޓްކެފޭގައި މިރުޒާޤު ބޭއްްވި ރޯދަވީއްލުމުގެ ތެރެއިން/ފޮޓޯ މިރުޒާޤު ކެންޕޭން އޮފީސް

އައްޑޫސިޓީ ހިތަދޫ އުތުރަށް އަމިއްލަގޮތުން ވާދަކުރައްވާ މުޙައްމަދު މިރުޒާޤުގެ ފަރާތުން މާލޭ ސޯލްޓްކެފޭގައި ޚާއްސަ ރޯދަ ވީއްލުމެއް ބާއްވައިފިއެވެ. މާލޭ ގައި ދިރިއުޅުއްވާ ހިތަދޫ އުތުރަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ ރައްޔިތުންނާއެކު މިރޯދަވީއްލުން ބާއްވާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

މިއީ މިރޯދަމަހު މާލޭގައި ފުޅާދާއިރާއެއްގައި މިފަދަ ރޯދަ ވީއްލުމުގެ ޙަރަކާތެއް އައްޑޫސިޓީ އުތުރުދާއިރާގެ ކެންޑިޑޭޓަކު ބޭއްވި ފުރަތަމަ ފަހަރެވެ. ސޯލްޓްކެފޭގެ 7 ވަނަ ފަންގިފިލާގެ ތަނަވަސް މާޙައުލުގައި ބޭއްވި މި ޚާއްސަ ޙަރަކާތުގައި ދާއިރާގެ ރައްޔިތުންނާއި މިރުޒާޤުގެ ސަޕޯޓަރުންގެ އިތުރުން އައްޑޫގެ ބައެއް ވިޔަފާރިވެރިން ބައިވެރިވިއެވެ.

ސޯލްޓްކެފޭގައި މިރުޒާޤު ބޭއްްވި ރޯދަވީއްލުމުގެ ތެރެއިން/ފޮޓޯ މިރުޒާޤު ކެންޕޭން އޮފީސް

މިޙަރަކާތުގެ ތެރޭ މިރުޒާޤުވަނީ ރައްޔިތުންގެ ޙާލުއަޙުވާލު އޮޅުން ފިލުއްވައި ދާއިރާގެ އެކިކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ހޯއްދަވާފައެވެ. އޭގެ އިތުރުން ރޯދަވީއްލުމުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތަކުން ހޮވުނު 20 ފަރާތަށް ޚާއްސަ އިނާމެއް ދިނުންވެސް އޮތެވެ.

ސޯލްޓްކެފޭގައި މިރުޒާޤު ބޭއްްވި ރޯދަވީއްލުމުގެ ތެރެއިން/ފޮޓޯ މިރުޒާޤު ކެންޕޭން އޮފީސް

އުތުރަށް ވާދަކުރައްވާ މިނިވަން ކެންޑިޑޭޓް މުޙައްމަދު މިރުޒާޤު އަންނަނީ އޭނާގެ ކެންޕޭން ފުޅާކޮށް ވަރުގަދަ ކުރުމަށްޓަކައި ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ކުރިއަށްހުރި ދުވަސްތަކުގައި އައްޑޫސިޓީގައި ހިންގުމަށް ރާވަމުންދާ ޙަރަކާތްތަކުގެ ތެރެއިން ކަންމަތީ ބައްދަލުވުންތަކާއި، ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކާއި ރޯދަމަހާއި ގުޅުންހުރި ޚާއްސަ ޙަރަކާތްތަކުގެ އިތުރުން ، އަންނަ ފިޠުރުޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ހިންގަންރާވާ ޙަރަކާތްތައް ފާހަގަ ކޮށްލެވެއެވެ.

ހިތަދޫގައި ހިންގި ސާފުކުރުމުގެ ޙަރަކާތެއް

މީގެ ކުރިންވެސް މިރުޒާޤުވަނީ ކަންމަތީ ބައްދަލުވުންތަކުގެ އިތުރަށް ރައްޔިތު އެންމެންނަށް ބައިވެރިވެވޭ އިޖްތިމާޢީ ގިނަ ޕްރޮގްރާމްތަކެއް ހިންގާފައެވެ. މިރުޒާޤަކީ އައްޑޫސިޓީ ހިތަދޫ އުތުރުން ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓެކެވެ. މިރުޒާޤުގެ ކެންޑިޑޭޓް ނަންބަރަކީ 2 އެވެ. އައްޑޫސިޓީ ހިތަދޫ އުތުރުދާއިރާގެމަޖިލިސް ގޮނޑިއަށް ޖުމްލަ 7 ކެންޑިޑޭޓަކު ވާދަކުރެއެވެ.