English Edition
Dhivehi Edition

ލ. ގަމުގައި މިހާރު ކުރިއަށްދާ ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ކަންމަތި ސްޕޯޓްސް ކުލަބް އާއި ކިންގް ސްޕޯޓްސް ކުލަބް އިން ހޯދައިފި އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުން މީގެ ކުރިން އައުޓްރީފް ސްޕޯޓްސް ކުލަބާއި ބެސްޓް ސްޕޯޓްސް ކުލަބުން ވަނީ ޖާގަ ހޯދައިފަ އެވެ. އިއްޔެ ރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތައް އައުޓްރީފާއި އާއި ބެސްޓް ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ ފަސޭހަކަމާ އެކުގަ އެވެ.

އިއްޔެ ރޭ ގަން ތުނޑީ ފުޓްސަލް ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލުގައި އައުޓްރީފް ސްޕޯޓްސް ކުލަބުން ޔުނައިޓެޑް އައުޓްރީފުގެ މައްޗަށް ކުރި ހޯދީ 2-10 ގެ ބޮޑު ތަފާތު ނަތީޖާއަކުންނެވެ. އަދި ކުއާޓާގެ ދެވަނަ މެޗުގައި ކިއުއެމް ސްޕޯޓްސް އެކަޑަމީގެ މައްޗަށް ބެސްޓް ސްޕޯޓްސް ކުލަބުން ކުރި ހޯދީ 1-15 ގެ ބޮޑު ނަތީޖާއަކުންނެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފަހު މެޗުތަކުން ކަންމަތި ސްޕޯޓްސް ކުލަބް މޮޅުވީ ރަސްހިންނެ ސްޕޯޓްސް ކުލަބާއި ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ. ރޭ ކަންމަތި އަދި ރަސްހިންނެ ބައްދަލުކުރި މި މެޗު ވެގެން ދިޔައީ ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެން ދިއަ މެޗަކަށެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިއަ މި މެޗުގައި އެއްވެސް ޓީމަކަށް ލަނޑު ޖަހަން މާ ހުސް ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ. ނަމަވެސް ދެ ޓީމުންވެސް ގޯލާއި އަމާޒުކޮށް ދުރުން ގިނަ ހަމަލާތަކެއް ދިންތަން ފެނިގެން ދިޔައެވެ.

ކަންމަތިން ލަނޑު ޖަހައި މެޗު ލީޑު ނެގީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް މުޙައްމަދު އިޝާމް ޖަހައިދިން ގޯލުންނެވެ. މި ގޯލަށް ފަހުވެސް ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އިތުރު ލަނޑެއް ނުޖެހިއޮވެއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ކަންމަތިން އެޓީމުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރީ މެޗުގެ ފަހު ހާފުގެ ކުޅުން ނިމެން ތިން މެނެޓަށް ވެފައި ވަނިކޮށް ޖުމެއިލް ޖަމީލްއެވެ. އޭނާ މި ލަނޑު ޖެހީ ކަންމަތީ ކުޅުންތެރިން ރަސްހިންނެ ގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ރިބައުންސަށް ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ރަސްހިންނެ އިން މިމެޗުގައި ޖެހި ހަމަ އެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ ކުޅުން ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށެވެ. ރަސްހިންނެގެ މި ލަނޑު ޖަހައިދިނީ އަހުމަދު އަނަސްއެވެ. މި މެޗުގެ މޮޅު ކުޅުންޔެރިއަކަށް ހޮވިފައިވަނީ ކަނަމްތީ ސްޕޯޓްސް ކުލަބުގެ ޖާޒީ ނަންމަރު 13 ޖުމެއިލް ޖަމީލްއެވެ.

ރޭގައި ކުޅުނު ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ބައްދަލުކުރީ ބިގް ޝޮޓްސް ސްޕޯޓްސް ކުލަބާއި ކިންގް ސްޕޯޓްސް ކުލަބެވެ. މި މެޗުގެ 0-4 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ކިންގް ސްޕޯޓްސް ކުލަބުންނެވެ. މި މެޗުގައި ކިންގް ސްޕޯޓްސް ކުލަބަށް ލަނޑުތައް ޖަހައިދިނީ އަޙުމަދު ހުޝާމް، ޝިޔާން ޝާފިއު އަދި މޫސާ ހާނިމްއެވެ. މީގެ ތެރެއިން އަޙުމަދު ހުޝާމް ވަނީ ދެ ލަނޑު ޖަހައިފައިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެސް ކިންގް އަށް ދެ ލަނޑު ޖަހައިދިން އަޙުމަދު ހުޝާމްއެވެ.

ރޭ ކުޅުނު ދެމެޗާއި އެކު މުބާރާތުގެ ކުއާޓާ ފައިނަލުކުގެ މެޗުތައް ކުޅެ ނިމުނުއިރު، ސެމީ ފައިނަލުގެ ޖާގަތައް ހޯދީ، ކަންމަތި ސްޕޯޓްސް ކުލަބް، ކިންގް ސްޕޯޓްސް ކުލަބް، އައުޓްރީފް ސްޕޯޓްސް ކުލަބް އަދި ބެސްޓް ސްޕޯޓްސް ކުލަބުންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލު މެޗުތައް ކުޅޭނީ މި މަހުގެ 27 ވާ ބުދަ ދުވަހުގެ ރޭގަ އެވެ. ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އައުޓްރީފް ސްޕޯޓްސް ކުލަބް އަދި ބެސްޓް ސްޕޯޓްސް ކުލަބެވެ. ދެވަނަ ސެމީ ގައި ބައްދަލުކުރާނީ ކަންމަތި ސްޕޯޓްސް ކުލަބް އަދި ކިންގް ސްޕޯޓްސް ކުލަބެވެ.

މި މުބާރާތުގެ ފައިނަލު މެޗު ކުޅޭނީ މިމަހުގެ 29 ވަނަ ދުވަހުގެ ރޭގައެވެ.

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ސޮސައިޓީ ފޮރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން ގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތަކީ ލ. ގަން، ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން (ސްޓަރ) ގެ ފަރާތުން އިސްނަގައިގެން ކޮންމެ ރަމަޟާން މަހަކު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ،

މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް މި އަހަރު 15،000 ރުފިޔާ ދޭނެ އެވެ.

މުބާރާތުގެ ސްޕޮންސަރުން:

ޓައިޓަލް ސްޕޮންސަރ: ލ، ގަން ކައުސިލް

ކޯ ސްޕޮންސަރ: ނޫފަރު ބްރަދާސް. ލ. ގަމު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓް ޔޫޞުފް ނަޝީދު.

ބްރޮންޒް ސްޕޮންސަރ: ލެޒިޒް، މަޒީ ކެމިސްޓް، ފިނިތަރި ހޮޓާ، ބްރޯވީ މާޓް، ކަރަވަން ޓެކްސީ، ދަ ނޮޓްބައި ރޫޓް 66 ލާމު، ނޫފަރު ގޭސް، މަސްކުރި. ރީޝް.

އޮންލައިން މީޑިއާ ޕާރޓްނަރ: އޭއޯ ނިއުސް.

ކިޓް ޕާރޓްނަރ: ބަމްބަމްބީ.

ފޮޓޯގްރަފީ ޕާރޓްނަރ: އައިކެންޑީ.

މީޑިއާ ޕާރޓްނަރ: އެމްއާރު ޕްރޮޑަކްޝަން.

ޕްރިންޓިންގް ޕާރޓްނަރ: އިންކް މޯލްޑިވްސް.

ބެވަރޭޖް ޕާރޓްނަރ: ޝަބްނަމީ ހޯލްޑިން.

ޑިޖިޓަލް ޕާރޓްނަރ: ދިރާގު

މުބާރާތުގެ ސެކިއުރިޓީ އެސިސްޓެންސް: މޯލްޑިވްސް ޕޮލިސް ސާވިސް.

ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ.

މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ހުރިހާ މެޗެއްގެ ހަބަރު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.