އަލީ ވަހީދުގެ މައްސަލަ “އޮއްބާލީ” ކުރީ ސަރުކާރުގެ ނުފޫޒުންކަމުގައި ޕީޕީއެމް/ޕީއެންސީގެ އިންތިހާބީ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބާ ގުޅޭ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ޕީޕީއެމް/ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ މެމްބަރުންތަކެއްވެސް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާއިރު އެ ޕާޓީގެ ލީޑާޝިޕުން ހާއްސަކޮށް އަލީ ވަހީދުގެ މައްސަލަ އާ ގުޅޭ ގޮތުން އެއްވެސް ބަހެއް ބުނެފައިނުވާކަމަށެވެ.
މިފަދަ ބޭފުޅުން މަޖިލީހަށް އައްޔަނުކުރުމަކީ މަޖިލީހަށް އިންތިހާބުވާ އަންހެނުންނަށްވެސް ނުރައްކާތެރި ކަމެއްކަމުގައި ފާހަގަކުރައްވަމުން ހީނާ ވަނީ މިކަމާ ގުޅޭ ގޮތުން އެމްޑީޕީ އިން ބަހެއް ނުބުނަނީ އެއީ ޕާޓީގެ އުސޫލާ އެއްގޮތްކަމެއްތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ.
މީގެ އިތުރުން ހީނާ ވިދާޅުވީ އަލީ ވަހީދު ޖިންސީ ގޯނާކޮށް އަނިޔާލިބުނު މުވައްޒަފުންގެ ދުލުން އެ ވާހަކަ އައްސަވާފައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކީރިތި ކުރެއްވުނުކަމަށް އޭރު ހަބަރުތަކުގެ ފަލަ ސުރުހީއަށްވެސް އަރާފައިވާކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ ކުރިއަށް ދަނިކޮށް އަލީ ވަހީދު ވީއައިޕީ ލައުންޗް މެދުވެރިކޮށް ފުރައިގެން ދިޔައީކަމަށް ހީނާ ވިދާޅުވިއެވެ. މި މައްސަލައާއި ގުޅިގެން އަލީ ވަހީދު ކޯޓަށް އައުމަށް އަމުރު ނެރުން ކަމަށާއި ނަމަވެސް ފަހުން އިވުނީ މައްސަލައިގައި ހިމެނޭ ވިކްޓިމްސްތައް އަލީ ވަހީދާއި ދެކޮޅަށް ދިން ބަޔާން އަބުރާ ގެންދެވުމަށް ބޭނުންވި ވާހަކަކަމަށާ އެހެންކަމުން ޕީޖީ އިން މައްސަލަ ނިންމާލީކަމަށެވެ.
އިތުރަށް ހީނާ ވިދާޅުވީ އޭރުގެ ސަރުކާރުން މި މައްސަލަ އޮއްބާލަން އަލީ ވަހީދު ފުރުވާލީ ކަމަށެވެ.