ލ. ގަމުގައި މިހާރު ކުޅޭ އެންމެ ބޮޑު ފުޓްސަލް މުބާރާތަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގައި ބާއްވަމުން އަންނަ ތުނޑީ ރަމަޟާން ކަޕް މުބާރާތެވެ. އަހަރަކަށް ވުރެ އަހަރެއް އެ މުބާރާތުގައި ވާދަކުރާ ޓީމުތައް އިތުރުވެ މުބާރާތުގެ ވާދަވެރިކަން ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.
މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅެން ތައްޔަރުުވެފައި ވާއިރު، މި އަހަރުގެ މުބާރާތް ފެނުނީ އެހެން އަހަރުތަކާ އަޅާބަލާއިރު މާބޮޑަށް ވެސް ވާދަވެރިކޮށެވެ.
މުބާރާތުގައި ޖުމުލަ 22 ޓީމު ބައިވެރިވިއިރު، މިރެއަކީ ޗެމްޕިއަންކަން ކަނޑައަޅާ ވަރުގަދަ ފައިނަލް ކުޅޭ ރެ އެވެ. މިރޭގެ ފައިނަލުގައި ވާދަކުރަނީ ވަރުގަދަ ކަންމަތި ސްޕޯޓްސް ކުލަބް ބަލިކޮށް ފައިނަލުން ޖާގަ ހޯދި، ކިންގް ސްޕޯޓްސް ކުލަބާއި އައުޓްރީފް ބަލިކޮށް ފައިނަލުން ޖާގަ ހޯދި، ބެސްޓް ސްޕޯޓްސް ކުލަބެވެ.
މި ދެ ޓީމަކީ ވެސް ރާއްޖޭގެ ފުޓްސަލްގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ތިބި ދެ ޓީމެވެ. ދެ ޓީމުގައި ތިބި ކުޅުންތެރިންނަށް ބެލިއަސް މިރޭގެ ފައިނަލުގައި ފެންނާނެ ވާދަވެރިކަން ވަރަށް ރަނގަޅަށް ސިފަވެ އެވެ.
ބެސްޓް ސްޕޯޓްސް ކުލަބަށް ބަލާއިރު، މުބާރާތް ފަށައިގެން ފައިނަލާއި ހަމައަށް އެޓީމުން ދަތުރުކުރުމުގެ ކުރިން މިހަތަނަށް މާ އުނދަގޫ ތަޖުރިބާތަކެއް ކޮށްފައެެއް ނުވެއެވެ. އެޓީމުން ގުރޫޕު ސްޓޭޖުވެސް އަދި ކުއާޓާ ވެސް ނިންމާލީ ފަސޭހަކަމާއި އެކުގައެވެ. ކިރިޔާވެސް ވާންކަމެއް ތަޖުރިބާ ކުރެވުނީ އައުޓްރީފާއި ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގައެވެ. މި މެޗުގައި އައުޓްރީފުއަތުން ބެސްޓް އަށް މޮޅެއް ހޯދުނީ ވަރަށް ވެސް އުނދަގުލުންނެވެ. ބެސްޓް މިރޭ ފައިނަލާއި ކުރިމަތިލާއިރު، އެ ޓީމުން ފައިނަލާއި ހަމައަށް އައީ މިމުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.
ބެސްޓް ޓީމުގައި ތިބީ ފުޓްސަލްގައި ނަގާކިޔާ މަޝްހޫރު ކުޅުންތެރިންނެވެ. އެޓީމުގެ ރޫހަކީ ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) އެވެ. އޮންލީ އަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ. އޮންލީގެ އިތުރުން އަހުމަދު ހަލީމް (އައްމަޑޭ)، އަބްދުﷲ ޖުނެއިދު (ޖެންނެ) ގެ އިތުރުން ހުސައިން ނާޝިދު (ނާއްޓޯ) އަކީ ވެސް ހުނަރުވެރި ތަރިންނެވެ.
މިރޭގެ ފައިނަލުގައި ބެސްޓް ޓީމާއި ދެކޮޅަށް ނުކުންނަ މިފަހަރުގެ މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ކިންގް ސްޕޯޓްސް ކުލަބަށް ބަލާއިރު، ކިންގް ސްޕޯޓްސް ކުލަބަކީވެސް ނަން މަޝްޙޫރު ނޫންނަމަވެސް ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ޓީމެކެވެ. ސެމީގައި ވަރުގަދަ ކަންމަތި ސްޕޯޓްސް ކުލަބު ބަލިކޮށް ކިންގް އިން ފައިނަލުގެ ޖާގަ ކަށަވަރުކުރުމުން އެޓީމުގެ ވަރުގަދަކަން ސާފުވެގެންދެއެވެ.
ކަންމައްޗަކީ ރާއްޖޭގެ ފުޓްސަލްގައި ނަން މަޝްޙޫރު ގިނަ ކުޅުންތެރިންތަކެއް ތިބި ޓީމެކެވެ. އެގޮތުން އަލީ ޝާމިސް(ތޮއްޕެ)، އިބުރާހީމް އަސްވަދު( ގަބޭ). ނިމިގެން ދިޔަ ގޯލްޑެން ފުޓްސަލް މުބާރާތުގައި ކުޑަހުވަދޫ ޓީމުގައި ތަފާތު މޮޅުކުޅުމެއް ދެއްކި ޖުމެއިލް ޖަމީލުގެ އިތުރުން އިބުރާހީމް މުބީން(މުއްކި)، އަދި ޒައިދާން ފަދަ ކުޅުންތެރިން ހިމެނެއެވެ. ނަމަވެސް ކިންގްސް އިން ވަނީ މި ވަރުގަދަ ކަންމަތި ޓީމު ކަޓުވާލުމަށް ފައިނަލުން ފުރުސަތު ހޯދާފައެވެ.
ނަމަވެސް ކިންގް އިން ކަންމަތި ބަލިކުރީ ސެމީގައި ދެ ޓީމު ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން 4-5 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.
މުޅިން އަލަށް މިފަހަރުގެ މުބާރާތަށް ނިކުތް ނަމަވެސް ކިންގް އިން މިހާތަނަށް ދައްކާފައި ވަނީ މޮޅު ކުޅުމެކެވެ.
މޮޅެތި ކުޅުންތެރިންތަކެއް ހިމެނޭ ބެސްޓް އާއި ދެކޮޅަށް ކިންގް މިރޭ ނުކުންނާނީ މަރަށް ފުރާނައަށެވެ. ބެސްޓް ބަލިކޮށް ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލުމަށެވެ. ނަމަވެސް މިރޭގެ ޓެސްޓަކީ ކިންގް ސްޕޯޓްސް ކުލަބަށް އެހާ ފަސޭހަ ޓެސްޓަކަށް ނުވާނެ އެވެ.
މިރޭ ކުޅޭ ވަރުގަދަ ފައިނަލުގައި ޓީމުތަކަށް ސަޕޯޓް ކުރުމަށް ވީހާވެސް ގިނަ ސަޕޯޓަރުން މިރޭ ދަނޑަށް ދިއުމަކީ ދެ ޓީމުންވެސް އެދޭ އެދުމެކެވެ.
މީގެ 15 އަހަރު ކުރިން ލ. ގަމު ތުނޑީ އަވަށު ޒުވާނުން އިސްނަގައިގެން އިންތިޒާމުކޮށް ބާއްވަން ފެށި މި މުބާރާތް ވެގެންދަނީ މިހާރު އެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރުގެ އެއް ހަރަކާތަށެވެ. އެ މުބާރާތުގައި ރާއްޖޭގެ އެކި ރަށްތަކުން އެތައް ބައިވަރު ކުޅުންތެރިންނެއް ކުޅެއެވެ. ޚާއްސަކޮށް ލ. ގަމުގައި ފުޓްސަލް ކުޅުންތެރިން އުފެއްދުމުގައި ވެސް މި މުބާރާތުގެ ދައުރުބޮޑެވެ.
މުބާރާތުގައި ބެސްޓް ސްޕޯޓްސް ކުލަބާއި ކިންގް ސްޕޯޓްސް ކުލަބް ވާދަކުރާ މެޗު ވެގެންދާނީ ލ. އަތޮޅު ފުޓްސަލްގައި ފެންނާނެ ވާދަވެރި ކުރިމަތިލުމަކަށެވެ. ފެންވަރު ރަނގަޅު ދެ ޓީމު ފައިނަލަށް ނުކުންނަނީ ތަށީގައި އަތްލުމުގެ އިތުބާރާ އެކު އެވެ.
ލ. ގަން ތުނޑީ ފުޓްސަލް ގްރައުންޑްގައި ބެސްޓް އަދި ކިންގް ވާދަކުރާ ފައިނަލް މެޗު ފަށާނީ މިރޭ 9:30 ގައެވެ.