އެއް ސަރުކާރެއްގެ ގޮތުގައި ގައުމު ނުހިންގޭ ނަމަ ވެރިކަމުގެ ކޯޅުން ބޮޑުވެ، ރާއްޖެ ވެއްޓެން ޖެހެނީ މިނިވަންކަން ނިގުޅައިގަނެވޭ ގޮތަށް ބޭރު ގައުމެއްގެ ޖީބަށް ކަމަށް މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ގެ މި ހާލަތުގައި ރައްޔިތުންނަށް ތަކުލީފު އުފުލަން ޖެހިފައިވާ އިރު، ސަރުކާރުން އިގްތިސާދު މެނޭޖްކުރަން ނޭނގި ހިންގާ ކަންކަމާއި ގުޅިގެން ކަންބޮޑުވުންފާޅުކުރައްވާ ސައީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ހިންގަވަނީ ދެ ސަރުކާރެއް ކަމަށެވެ. އަދި މެ ދަ ސަރުކާރުގެ ކޯޅުން ބޮޑުވެ މިކަމުގެ ނުރައްކާ އޮތީ ރައްޔިތުންނަށް ކަމަށް ސައީދު ވިދާޅުވިއެވެ. އިތުރަށް ސައީދު ވިދާޅުވީ ރައްޔިތުންގެ އިތުބާރު އޮތް އެއް ސަރުކާރު ނުއުފެއްދިޖެނަމަ ރައްޔިތުންގެ ޖީބު ހުސްވުމުގެ ނުރައްކާ ބޮޑުވަމުން އަންނަކަމަށެވެ.
ކޮވިޑް19 އާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދުވެސް ހީނަރުވެފައިވާ މި ދަނޑިވަޅު ސަރުކާރުން އަޅުއްވަމުން ގެންދާ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދީ ބޮޑު އަދަވަޅަކަށް ރާއްޖެ ވެއްޓިދާނެކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު ސައީދު ވިދާޅުވީ ސިއްހީ ކަންކަމަށް ދުވާލަކު ހޭދަކުރާ ހަތް މިލިއަން ރުފިޔާ އާއި ވިޔަފާރިތަކަށް ހަތަރު މިލިއަން ރުފިޔާއާ އެކު ނިދާ ހޭލާއިރު، ދުވާލަކަށް ޖުމްލަ 11 މިލިއަން ރުފިޔާ ދައުލަތުން އެބަހަރަދުކުރާކަމަށެވެ.