ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އޭނާގެ ދޮންދަރިއެއް ނުހުންނަ ކަމަށް ވިދާޅުވެ ހައިކޯޓު ގައި ވަކާލާތު ކުރައްވައިފިއެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކުރީ ނޮވެމްބަރު 2، 2026 ގެ ރޭގައެވެ. އޭގެ ފަހުން ކްރިމިނަލް ކޯޓުން ނެރުނު 30 ދުވަހުގެ ބަންދު އަމުރެއްގެ ދަށުން އޭނާ މިހާރު ހުންނެވީ ބަންދުގައެވެ.
ބަންދު އަމުރު އިސްތިއުނާފުކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި ޝާހިދުގެ ފަރާތުން ބުނެފައިވަނީ އަނިޔާ ލިބުނު ކުއްޖާއަކީ ޝާހިދުގެ ދޮންދަރިއެއް ނޫން ކަމަށެވެ. އެހެންކަމުން، ދައުލަތުން ކޯޓަށް ހުށަހެޅި ބަންދު ފޯމުގައި ކުއްޖާއަކީ ޝާހިދުގެ ދޮންދަރިއެއްކަން ބަޔާންކޮށް، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތު ހިމެނީ ގާނޫނާ ހިލާފަށްކަމަށެވެ.
މީގެ އިތުރުން، ޝާހިދު ހައްޔަރުކުރި އަމުރުގައި އެ ތުހުމަތު އޮތްތޯ ސުވާލު އުފައްދައި، ފޯމުގައި ނެތް ތުހުމަތެއްގެ މައްޗަށް ބަންދުކުރަން ނިންމުމަކީ ގާނޫނީ ގޮތުން ރަނގަޅު ނިންމުމެއް ނޫން ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ޝާހިދު ހައްޔަރުކުރިއިރު އަނިޔާ ލިބުނު ކުއްޖާގެ ބަޔާން ނެތް ކަމަށާއި، ފުލުހުން ގެ އަތުގައި އޮތީ އެ ވާހަކަތައް ކުއްޖާ ކިޔައިދިން މީހެއްގެ ބަޔާން ކަމަށް ވެސް ޝާހިދުގެ ފަރާތުން ކޯޓުގައި ފާހަގަކުރިއެވެ.
މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ކޯޓުގައި ފާހަގަކުރީ، ހުށަހެޅި ބަޔާންތަކުން ކުއްޖާ ޝާހިދާ މުހާތަބުކުރަނީ “ބައްޕި” ގެ ގޮތުގައި ކަން އެނގޭ ކަމަށެވެ. އަދި ޝާހިދަކީ ކުއްޖާގެ ދޮންބައްޕަކަމަށް ކުއްޖާ ގަބޫލުކުރާކަން ދޭހަވާ ކަންތައްތަކެއް ލިޔުންތަކުން ފެންނަން ހުރި ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ހައި ކޯޓުން އިއްވި ހުކުމްގައި ބުނީ ތަހުގީގު މަރުހަލާގައި މީހަކު ބަންދުގައި ބެހެއްޓުމަށް ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުރިތޯ ބެލުމުގައި، ކޮންމެހެން އަނިޔާ ލިބުނު ކުއްޖާގެ ބަޔާން އޮތުމަކީ ލާޒިމު ކަމެއް ނޫން ކަމަށެވެ. އަދި ކުއްޖާ އެ ވާހަކަތައް ކިޔައިދިން މީހަކު އެ ވާހަކަ ތަހުގީގަށް ކިޔައިދީ، އެހެނިހެން ހެކިތަކާ އެކު ތުހުމަތު ކުރެވޭ ސަބަބުތައް ބަޔާންކޮށްފައި އޮތުމުން ފުދޭނެ ކަމަށް ކޯޓުން ވަނީ ބުނެފައެވެ. މި މަރުހަލާގައި ދައުލަތުން ހުށަހެޅި ހެއްކަކީ ޝަރީއަތަށް ބަލައިގަނެވޭނެ ހެކިކަން ނުވަތަ ނޫންކަން ކަނޑަނޭޅޭނެ ކަން ފާހަގަކޮށް ކޯޓުންވަނީ ޝާހިދު 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ނިންމާފައެވެ.
ޝާހިދު އާއި އަނިޔާ ލިބުނު ކުއްޖާގެ މަންމަ ޒިފްލީން ކައިވެނި ކުރައްވައިގެން އުޅުއްވާ ކަމަށް ބުނެ އަޑުފެތުރިފައިވާތާ އެތައް ދުވަހެއް ވެފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުން ރާއްޖޭގެ ފެމިލީ ކޯޓުގައި އެ ދެ ބޭފުޅުންގެ ކައިވެންޏެއް ރަޖިސްޓްރީކޮށްފައެއް ނުވެއެވެ.