English Edition
Dhivehi Edition

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ގަވާއިދެއް ހަދައި އަމަލުކުރަން ފަށާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި މުދާ ދައުލަތަށް ނެގުމަށް, މި ސަރުކާރުން ރާވައިގެން ކުރަމުންގެންދާ އެކި އެކި މަސައްކަތުގެ ދަށުންކަމަށް ބުނެ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއިން އެކަން ކުށްވެރިކޮށްފިއެވެ،

މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށުގައި ދައުލަތަށް ނަގާ މުދަލާ މެދު އަމަލުކުރާނެ ގަވައިދެއް އެކުލަވާލައި، މިދިޔަ ހޯމަ ދުވަހުން ފެށިގެން އެ ގަވައިދަށް އަމަލުކުރަން ވަނީ ފަށާފައެވެ. އެމްއެމްއޭ އިން އާއްމުކުރި ގަވައިދު ބުނާ ގޮތުން، ދައުލަތަށް ނަގާ ފައިސާ އާއި މުދަލުން ލިބޭ އާމްދަނީ ޖަމާކުރަން ކަމާބެހޭ އިދާރާ އިން، އެ އިދާރާގައި އެކައުންޓެއް ހުޅުވަން ޖެހޭނެ އެވެ.އަދި އެ އެކައުންޓަށް ފައިސާ ނެގޭނީ، ކަމާބެހޭ އިދާރާ އިން އަންގާ ގޮތެއްގެ މަތިންނެވެ.

ދައުލަތަށް ނަގަން ކޯޓުން އަމުރުކުރި ފައިސާ ހުރީ ބޭންކް އެކައުންޓެއްގައި ކަމަށްވާ ނަމަ ކަމާބެހޭ އިދާރާ އިން އެ އެކައުންޓެއް އޮތް ބޭންކަކަށް ކޯޓު އަމުރު ހުށަހެޅުމުން، ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ފައިސާ އެ އެކައުންޓުން އުނިކޮށް، އެމްއެމްއޭގައި ހުޅުވާފައިވާ އެކައުންޓަށް އެ ބޭންކަކުން ފައިސާ ޖަމާކުރަންޖެހޭނެ އެވެ. މީގެ އިތުރުން ދައުލަތަށް ނަގަން ކޯޓުން އަމުރުކުރި ފައިސާ ހުރީ ދައުލަތުގެ އިދާރާއެއްގެ ނުވަތަ އެހެން ފަރާތެއްގެ ބެލުމުގެ ދަށުގައި ކަމަށްވާ ނަމަ، ކަމާބެހޭ އިދާރާ އިން އެ ފަރާތަކަށް ކޯޓު އަމުރު ހުށަހެޅުމުން އެ އެކައުންޓަށް ފައިސާ ޖަމާކުރަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

މި ގަވައިދު އާންމުކުރުމާއެކު ޕީޕީއެމް އާއި ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްއޭ އިން އަމަލު ކުރަން ފެށި ގަވައިދަކީ ސީދާ ރައީސް ޔާމީންގެ ގެކޮޅާއި މުދާ ދައުލަތައް ނެގުމުގެ މަޤްޞަދު ޙާސިލް ކުރުމަށްޓަކައި، ސަރުކާރުގެ މަކަރުވެރި ހީލަތްތެރި ރޭވުމެއްގެ ދަށުން އަމަލު ކުރަން ފެށި ގަވައިދެއް ކަމަށެވެ. އަދި މީހުންގެ އަމިއްލަ މުދާ މިފަދަ ގޮތަކަށް ދައުލަތަށް ނެގުމަކީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި ހިންގާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ. އިތުރަށް އެ ބަޔާނުގައި ބުނީ އެމްއެމްއޭގެ ގަވައިދަކީ މިސަރުކާރު ބަލިކަށިވެ ތާއީދު ކުޑަވަމުންދާއިރު، ރައީސް ޔާމީންގެ އިތުރުން މި ކޯލިޝަންގެ އެކި އެކި ފަރާތްތަކާ، މިސަރުކާރާ ދެކޮޅަށް ފާޑުކިޔާ ކޮންމެ ފަރާތަކަށްވެސް އަމާޒު ކުރުމަށް ބޭނުންކުރާނެ ހަތިޔާރެއް ކަމަށެވެ.

ރާއްޖޭގައި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ހުކުމެއް ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށެވެ. މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ހުކުމެއް އިއްވާ އެ މައްސަލައިގައި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ކްރިމިނަލް ކޯޓުންވަނީ ހުކުންކޮށްފައެވެ