English Edition
Dhivehi Edition

ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސަށް އެދި 98 ވިޔަފާރިއަކުން ހުށަހަޅާފައިވާކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބުނެފިއެވެ.

“މަނީ އެކްސްޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު”ގެ ދަށުން ދެ ބާވަތެއްގެ މަނީ އެކްސްޗޭންޖް ލައިސަންސް ދޫކުރެއެވެ. އެއީ ‘ޓިއާ 1’ މަނީ އެކްސްޗޭންޖިން ލައިސަންސާއި ‘ޓިއާ 2’ މަނީ އެކްސްޗޭންޖިން ލައިސަންސެވެ.

  • ޓިއާ 1 މަނީ އެކްސްޗޭންޖިން ލައިސަންސް: ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ލައިސަންސް
  • ޓިއާ 2 މަނީ އެކްސްޗޭންޖިން ލައިސަންސް: ބޭރު ފައިސާ ވިއްކުމުގެ ލައިސަންސް

މި ލައިސެންސަށް އެދި އެމްއެމްއޭއިން އޮކްޓޯބަރު މަހު ހުޅުވާލިއިރު، ސުންގަޑިއާ ހަމައަށް ޖުމްލަ 98 ވިޔަފާރިއަކުން ލައިސަންސަށް އެދި ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި މުޅިން އަލަށް 49 ވިޔަފާރިއަކުން ވަނީ ލައިސަންސަށް އެދި ހުށަހަޅާފައެވެ. ބާކީ 49 ވިޔަފާރިއަކީ މިހާތަނަށް އެމްއެމްއޭއިން މަނީ ޗޭންޖާ ލައިސަންސް ދޫކޮށްފައިވާ 212 ވިޔަފާރީގެ ތެރެއިން ލައިސެންސަށް އެދި ހުށަހެޅި ވިޔަފާރިތަކެވެ.

ލައިސެންސަށް އެދި ހުށަހެޅި 98 ވިޔަފާރީގެ ތެރޭގައި ޓިއާ 1 ލައިސަންސަށް އެދި 79 އެޕްލިކޭޝަން ހުށަހަޅާފައިވައިވާކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ. ޓިއާ 2 ލައިސަންސަށް އެދި 19 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ކުރިން ދޫކޮށްފައިވާ 163 ލައިސެންސް ވަނީ ބާތިލުކޮށްފައެވެ. އެމްއެމްއޭއިން ހާމަކުރިގޮތުގައި އޭގެތެރޭގައި ހިމެނެނީ ޓިއާ 1ގެ 99 ލައިސެންސަކާއި ޓިއާ 2ގެ 64 ލައިސެންސެކެވެ.