ގެއްލުވާލައިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލާގައި ކުރެވެން ހުރި ހުރިހާ ކަމެއް އޭރުވެސް ކޮށްފައިވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރިޟްވާނަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެ ރައީސް އިއްޔެ ކުރެއްވި ޓްވީޓެއްގެ ސްކްރީންޝޮޓައް ހިއްސާކުރަމުން ފޭސްބުކްގައި އުމަރު ލިޔުއްވާފައިވަނީ ރިޟްވާންގެ މައްސަލައިގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައިވާނެ ކަމަށާއި ދޮގާއި އޮޅުވާލުން އެއީ ސިޔާސީ ހަތިޔާރަކަށް ހެދުމުން އިތުބާރު ގެއްލުން ނޫން ކަމެއްނުވި ކަމަށެވެ،
ރިޟްވާން ގެއްލުނުތާ އިއްޔެއަށް ހަ އަހަރު ފުރިފައިވާއިރު އޭނާގެ އާއިލާއިން ވަނީ މި ސަރުކާރު ވެރިކަމަށް އައީ ރިޟްވާންގެ ނަން ބޭނުންކޮށްގެން ކަމަށާއި އެކަމަކު އަދިވެސް އޭނާއަށް އިންސާފެއް ހޯދައިދީފައި ނުވާކަމަށް ބުނެ ފާޑުކިޔާފައެވެ. މިގޮތުން ރިޟްވާންގެ ދައްތަ ޝެހެނާޒް އަދްނާން ބުނީ ނިމިގެންދިޔަ ސަރުކާރަކީ ރިޟްވާންގެ އާއިލާއަށް އަނިޔާވެރި ސަރުކާރެއް ކަމަށާއި މި ސަރުކާރުން ވެރިކަމަށް އައުމުން ރިޟްވާނަށް ވީ ގޮތެއް އެނގޭނެ ކަމާމެދު ހިތުގައި އުންމީދު އާވެގެން ދިޔަކަމަށެވެ. ރައީސް ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނާމެދު ބޮޑެތި އުއްމީދުތަކެއް ކުރި ކަން ފާހަގަކޮށް ޝެހެނާޒް ވިދާޅުވީ އެހެންނަމެވެސް ރިޟްވާނަށް އިންސާފް ލިބުނު ކަމަށް ގަބޫލު ނުކުރާކަމަށެވެ