English Edition
Dhivehi Edition

މި ފަހަކަށް އައިސް ރާއްޖޭގެ އެންމެގިނަ ބަޔަކު އަޑު އުފުލި އެއްކަމަކީ ނުވަތަ ކުރަމުން ދިޔަ ބަހުސަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޮޑުބައެއް ރާއްޖެއަށް ގެއްލުނު ވާހަކައެވެ.

އާދެ! އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ، އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ.

އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.

މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށާއި އެމްޑީޕީ ގެ ސަރުކާރަށް އަމާޒުވަމުން އަންނައިރު، އެކަމުގެ އެންމެކުރީގައި ތިބީ އިދިކޮޅު ސިޔާސީ ފަރާތްތަކެވެ. ވާނީ ވެސް އެހެނެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކަކީ އަބަދު ވެސް ސަރުކާރުން ކުރާ ކަންކަމަށް ފާރަވެރިވެ، ނުބައިކޮށް ކަމެއް ދާނަމަ، ހަމަމަގަށް އަޅުވަން ތިބޭ ބައެކެވެ.

ޗާގޯސް މައްސަލައިގާ ސަރުކާރުގެ ނިންމުމާއި މެދު ހިތްހަމަ ނުޖެހި، އެތައް މަންސަތަކެއްގައި ތަފާތު އެކި ރާގު ރާގުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ޝަކުވާގެ ބަސްތައް ސަރުކާރަށް އަމާޒުކުރަމުންނެވެ.

އެގޮތުން މި މެއި މަހުގެ 2 ވީ ހުކުރު ދުވަހުގެ ރޭ ވަނީ “ކަނޑު ވިއްކުމާއި ދެކޮޅު” ހެދުމުގެ ގޮތުން ވަނީ ބޮޑު އެއްވުމެއް ބާއްވާފައެވެ.

މާލޭގެ ކާނިވާ ސަރަަހައްދުގައި ބޭއްވި މި ޖަލްސާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެފައިވާއިރު، އިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ޕިޕީއެމް، ޕީއެންސީ، އެމްއެންޕީ، ދަ ޑިމޮކްރެޓްސް އަދި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެމްބަރުންނާއި ކުރީގެ ބަންޑާރަ ނައިބުން ކަމަށްވާ ޑރ މުހައްމަދު މުނައްވަރާއި ޢައިޝަތު އާޒިމާ ޝަކޫރު ވެސް ހިމެނެއެވެ.

މީގެ އިތުރުން މިއަހަރުގެ ރިޔާސީ ރޭހުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވެސް ހިމެނެއެވެ.

ކޮންމެއަކަސް، ޖަލްސާގެ ނަމަކަށް “ކަނޑުވިއްކުމާއި ދެކޮޅު” އޮތްނަމަވެސް، ޖަލްސާ ކުރިއަށް ދިޔައިރު، ގިނަބައެއްގެ ސަމާލުކަން ހުއްޓުނީ އެ ސަރަހައްދުގައި “އިންޑިއާ އައުޓް” ޖަހާފައިވާ ބެނާ އަކަށެވެ. އަދި “އިންޑިއާ އައުޓް” ޖަހާފައިވާ ޓީޝާޓުގައި ބަޔަކު ހަރަކާތްތެރި ވަމުންދާތީއެވެ.

“އިންޑިއާ އައުޓް” ކެމްޕެއިނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ފައްޓަވާފައިވާ ހަރަކާތެކެވެ.

އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ގޮވާލައި، އިދިކޮޅުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތް ހުއްޓުވައި ދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ މިދިޔަ އަހަރުގެ އޭޕްރިލް 21 ގައި ގަރާރެއް ވެސް ނެރުއްވާފައެވެ.

އެހެންކަމުން “ކަނޑު ވިއްކުމާއި ދެކޮޅު” ގެ ބައިވެރިން ނުވަތަ މިކަން އިންތިޒާމުކުރި ފަރާތުން މިވަނީ ‘އެއްދޮނުގައި ދެބުޅި” ޖަހާފައެވެ. ނަމުގައިި ކަނޑު ގެއްލުނަސް، “އައުޓު” ކުރަން އަދިވެސް ބޭނުންވާކަން ހާމަކޮށްފައެވެ.

މިއީ ވެސް ސިޔާސީ އުކުޅެކެވެ. ނޭނގިތިއްބާ އެއް ހަރަކާތަކުން ދެ ހަރަކާތުގެ ފައިދާ ނެގީއެވެ. ހުރިހާ ގޮތަކުން ބެލިނަމަވެސް “ކަނޑަށް” ވެސް “އައުޓަށް” ވެސް ފައިދާއެވެ. ރައްޔިތުނަށް ދޯކާއެވެ. އޮޅުވާލުމެވެ.

ކޮންމެ ކަމެއްގައި ވެސް ހަނާވެދާނީ ރައްޔިތުންނެވެ. ސިޔާސީ ލީޑަރުން ތިއްބަވާނީ “ފިނި” ކޮޓަރީގައި އަރާމުގައެވެ. މަގުުމަތީގައި ހަޅޭއްލަވާނީ އާންމު ރައްޔިތު މީހާއެވެ. “ވާރުތަ މުދާ” ބަހާއިރު، ގިނަ ބައި ލިބޭނީ “ފިނި” ކޮޓަރީގައި ތިއްބަވާ ބޭފުޅުންނަށެވެ. ދެރަނިކަމެތި ރައްޔިތު މީހާއަށް “މުކޮސް” ވެސް ނުލިބޭނެއެވެ. އަނެއްކާ ވެސް ޖެހޭނީ މަގުމައްޗަށް ނުކުމެ ހަޅޭއްލަވާށެވެ.