ބޮލީވުޑްގެ ދެވަނަ އަކްޝޭ ކުމާރުގެ ގޮތޮގައި ގިނަ ބަޔަކު ސިފަކުރި ސުޝާންތު ސިންގު ގެ ކުއްލި މަރާއި އެކު އަދިވެސް އޭނާއަށް ތާއިދުކުރާ ގިނަ ބަޔަކު ތިބީ ޝޮކެއްގައެވެ. އުފާވެރި މަޖާ މިޒާޖެއްގެ ސުޝާންތުއަކީ ބޮލީވުޑްގެ ކާމިޔާބު ފިލްމުތައް ކުޅެ ގިނަ ބައެއްގެ ލޯތްބާއި މަގުބޫލުކަން މަދު ދުވަސްކޮޅެއްގެ ތެރޭގައި ހޯދި ތަރިއެވެ. މަޝްހޫރުކަމާއި ކާމިޔާބީގެ އިތުރުން ފައިސާގެ ގޮތުން ބެލިޔަސް ސުޝާންތުއަކީ ފުދުންތެރިމީހެކެވެ. އެހެންކަމުން އޭނާ އަމިއްލައަށް މަރުވާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު މިހާރު އޭނާގެ މަރުގެ އަސްލު ސަބަބަކީ އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.ގިނަ ބައެއްގެ މި ގަބޫލުކުރުންތަކަށް ބާރު ލިބޭ ގިނަ ހެކިތަކަށް ރިއާ އާއި ދެކޮޅަށް ލިބިފައިވާއިރު ސުޝާންތުގެ ބައްޕަ ވަނީ ރިއާ އާއި ދެކޮޅަށް ބިހާރް ޕޮލިހަށް މައްސަލަވެސް ހުށަހަޅާފައެވެ. ކޮންމެ ދުވަހަކު މި މައްސަލައާއި ގުޅޭ އާ ވާހަކަތަކެއް މީޑިއާގައި ތިލަވެގެން އަންނައިރު މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ ރިއާ އާއި ސުޝާންތު ޗުއްޓީ ހޭދަކުރުމަށް ޔޫރަޕަށް ކުރި ‘ހާއްސަ’ ދަތުރުގެ ވާހަކައެވެ.
މިދިޔަ އަހަރު އޮކްޓޯބަރު މަހު ދެ ތަރިން ޔޫރަޕަށް ދިޔަ: މިދިޔަ 2019 ވަނަ އަހަރު އޮކްޓޯބަރު މަހު ރިއާ އާއި ސުޝާންތު ޗުއްޓީ ހޭދަކުރުމަށް ޔޫރަޕަށް ގޮސްފައިވާއިރު އޭރުވެސް މި ދެތަރިން ރައްޓެހިވެގެން އުޅޭކަން ހާމަކޮށްފައެއް ނުވެއެވެ. ދެތަރިން އެކުގައި ޔޫރަޕަށް ގޮސް ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމަށް ލާފައިނުވާއިރު ރިއާގެ އިންސްޓަގްރާމުން ފެންނަނީ މުޅިންވެސް އެ ދަތުރުގައި އޭނާ އެކަނި ނަގާފައިވާ ފޮޓޯތަކެވެ. އިޓަލީ އާއި ފްރާންސަށް ކުރި ދަތުރުގައި ދެތަރިން އެކުގައި ނަގާފައިވާ ފޮޓޯތައް ރިއާ ހިއްސާކޮށްފައިނުވާއިރު އޭނާ އެންމެ ފުރަތަމަ ސުޝާންތު އާއި އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމަށް ލާފައިވަނީ ސުޝާންތުގެ އުފަންދުވަހުއެވެ.
ސުޝާންތުގެ ކައްކާ ނިރާޖްގެ ވާހަކަ: ސުޝާންތުގެ މަރުގެ މައްސަލައިގައި އޭނާގެ ކައްކާއާއި ދެފަހަރު މަތިން ފުލުހުން ސުވާލުކޮށް ބަޔާން ނަގާފައިވާއިރު އޭނާވަނީ ގިނަ ބަޔަކު ހައިރާންކުރުވި ވާހަކަތަކެއް މީޑިއާގައި ހިއްސާކޮށްފައެވެ. ސުޝާންތުގެ ކައްކާ މީޑިއާގައި ބުނީ ޔޫރަޕް ދަތުރުގައި ސުޝާންތު ފުރިއިރު އޭނާ ވަރަށް ފިޓްކަމަށާއި އެހެންނަމަވެސް އެބުރި އައި އިރު މީހާ މުޅިން ބަދަލުވެފައިވާ ކަމަށެވެ. އަދި އޭނާ މުޅިން މާޔޫސްވެ ވަރުބަލިވެފައި ހުންނަކަން ފާހަގަކުރެވުނު ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށްކަމަށް ބުނެ ރިއާ އޭނާއަށް ބޭސް ދެމުން ދިޔަ ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި ސުޝާންތުއާއި އެއްވެސް މީހަކަށް ބައްދަލުކުރުމުގެ ފުރުސަތުވެސް ރިއާ ދީފައިނުވާކަމަށް ނިރާޖް ބުންޏެވެ.
ސުޝާންތުގެ ކުރީގެ ކައްކާ އާޝޯކްގެ ވާހަކަ: މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ރިއާގެ ނުފޫޒުން ވަޒީފާއިން ވަކި ކުރި އާޝޯކް ބުނީ އޭނާ ވަޒީފާއިން ވަކިކުރިނަމަވެސް އެގޭގައި މަސައްކަތްކުރާ މީހުންނާއި ގުޅުން އޮންނަކަމަށެވެ. މި ގޮތުން އެމީހުން އޭނާ ގާތު ޔޫރަޕް ދަތުރަށްފަހު ސުޝާންތު ބަލިކޮށް އުޅޭ ވާހަކަ ހިއްސާކޮށްފައިވާކަމަށް ވަނީ ބުނެފައެވެ. ހަތަރު އަހަރު ސުޝާންތު އާއި އެކު މަސައްކަތްކުރި އާޝޯކް ބުނީ ސުޝާންތުއަކީ ޑިޕްރެޝަން ހުންނަ މީހެއް ނޫންކަމަށާއި ސުޝަންތުގެ ބަލީގެ އަސްލަކީ އޭނާގެ މުޅި ދިރިއުޅުން ރިއާ ކޮންޓްރޯލް ކުރުންކަމަށެވެ. ޔޫރަޕް ދަތުރުގެ ކުރިން ސުޝާންތުގެ މިފަދަ އުޅުމެއް އެގޭގެ މަސައްކަތު މީހުންނަށްވެސް ފެނިފައިނުވާއިރު އެންމެ ފުރަތަމަ ސުޝާންތު ބަލިވުމުން އޭނާއަށް ޑެންގޫ ޖެހުނީކަމުގައި ރިއާ ބުނިކަމަށްވެސް، އާޝޯކް ވަނީ ބުނެފައެވެ. މީގެ އިތުރުން އާޝޯކް ބުނީ ސުޝާންތު ބަލިވުމުންވެސް ރިއާ އާއި ސުޝާންތުގެ ގާތް އެކުވެރިޔާ ސިދާތް ފިޔަވައި އެހެން އެއްވެސް މީހަކު އޭނާއަށް ބޭސް ދިނުމުގެ ހުއްދައެއް ނޯއޮއްނަކަމަށެވެ. ” އެ ގޭގައި މަސައްކަތްކުރާ ދުވަސްވީ މުއައްޒަފުންނަށްވެސް ބޭސް ދިނުމުގެ ހުއްދައެއް ނުދިން. އަހަރެން ހިތަށް އަރާ އަހަރެން ސެޕްޓެމްބަރު މަހު ވަޒީފާއިން ކަނޑާލިއިރު ބަރާބަރަށް ހުރި ސުޝާންތުއަށް މި ހާލު ޖެހުނީ ކީއްވެބާއޭޭ” އާޝޯކް ބުންޏެވެ.
ސުޝާންތުގެ ގޭގައި މަސައްކަތްކުރި އަންކިތްގެ ވާހަކަ: ސުޝާންތުގެ ގޭގައި މަސައްކަތްކުރަމުންދަނިކޮށް ރިއާގެ ނުފޫޒުން ވަޒީފާއިން ވަކިކުރި އަންކިތް ބުނީ ޔޫރަޕުން އައުމަށްފަހު ސުޝާންތު މުޅިން ބަދަލުވެފައިވާ ކަމަށާއި އަބަދުވެސް މޫނުމަތިން ހިނިތުންވުން ފެންނަ ސުޝާންތު މުޅިން އެހެން މީހަކަށް ބަދަލުވެފައިވާ ކަމަށެވެ. މި ގޮތުން މޫނުމަތީގެ ކުލަ ބަދަލުވެ ލޯކަޅުވެފައިވާއިރު އޭނާގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނުފެންނަކަމަށްވެސް އަންކިތް ބުންޏެވެ.
ސުޝާންތުގެ މަރާއި ގުޅިފައިވާ ‘ޔޫރަޕް ދަތުރު’ގައި ގޮތް ނޭގޭ ގިނަ ކަންތައްތަކެއް ހިނގާފައިވާކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު މި މައްސަލައިގެ ތަހުޤީގު އިތުރަށް ވަރުގަދަކޮށް ސުޝާންތުއަށް އިންސާފު ހޯދައިދިނުމަށް އޭނާއަށް ތާއިދުކުރާ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.