ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުން ދަނިކޮށް، އިއްޔެ އައިޖީއެމްއެޗްގައި މަރުވި ޔަމަނުގެ ރައްޔިތެއް ކަމަށްވާ، ޔާސިރު ޔަހުޔާ ސާލިހު އަކީ ޓެރަރިސްޓް ޖަމާއަތެއްކަމުގައިވާ އަލްޤައިދާއަށް ނިސްބަތްވާ މީހެއްކަމަށާއި އޭނާވަނީ އެ ޖަމާއަތުގެ ތަމްރީމްތައް ހަދާފައިކަމަށް ސަރުކާރުގެ މުއައްސާތަކުން ބުނެފި އެވެ.
ދިވެއްސަކާ ކައިވެނިކޮށްގެން ދަރިއަކު ވެސް ލިބިފައިވާ ޔާސިރު ހައްޔަރު ކުރީ 2017 ވަނަ އަހަަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެ ދުވަސްވަރު ޓެރަރިޒަމްއާ ގުޅޭ ތުހުމަތުތަކެއް ކުރެވިގެން އޭނާ ޑީޕޯޓު ކުރަން ނިންމައި ބަންދުކޮށްފައިވާއިރު ޔާސިރު ބަންދުކުރި އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި އޭނާވަނީ އެކި ފަހަރު މަތިން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކޮށްފައެވެ. އިއްޔެ ޔާސިރު މަރުވީ ވެސް ނުކެއުމުގެ ސަބަބުން ހާލު ދެރަވެ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ސްޓްރޯކެއް ޖެހިގެންނެވެ.
ޔާސިރު ޔަހުޔާގެ މަރާއި ގުޅިގެން މޯލްޑިވްސް އިމިގްރޭޝަން އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނީ 2014 ވަނަ އަހަރު ރާއްޖެއަށް ޓޫރިސްޓު ވިސާގައި އެތެރެވި ޔާސިރު ޔަހުޔާ އަކީ، ޓެރެރިޒަމާއި ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ. މި ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ލިބިފައިވާ އިންޓެލިޖެންސް މަޢުލޫމާތުން އެނގޭ ގޮތުގައި އޭނާ އަކީ އަލްޤައިދާ ޖަމާޢަތާ ގުޅުން އޮންނަ، އެ ޖަމާޢަތުގެ އިސް ދައުރެއް އަދާކުރާ އަދި އެ ޖަމާޢަތުން ހިންގާ މަތީ ފެންވަރުގެ ޓެރެރިސްޓް ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެއްކަމަށެވެ.
ޔޫސުފް ޔަހްޔާ އަކީ އުފަން ޤައުމުގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގައި ނިރުބަވެރިކަމާއި ގުޅުންހުރި މައްސަލަތަކުގައި ހައްޔަރުކުރެވި، އެކި ފަހަރުމަތީން ބަންދުކުރެވިފައިވާ މީހެއް ކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ އެކި ޤައުމުތަކުގެ، ސައްޙަ ނޫން ޓްރެވެލް ޑޮކިއުމެންޓުގައި އެއް ޤައުމުން އަނެއް ޤައުމަށް އޭނާ ދަތުރުކޮށްފައިވާކަން ތަހުޤީޤަށް ހާމަވެފައިވާކަމަށެވެ.
އެ ބަޔާނުގައިވާ ގޮތުން 1 ފެބްރުއަރީ 2017ގައި ޔާސިރު ޔަހްޔާ އިމިގްރޭޝަނަށް ހާޒިރުކޮށް ރާއްޖެއިން ފުރައިގެން ދިޔުމަށް އޭނާއަށް އަންގާފައިވާކަމަށާއި އެ ގޮތަށް އޭނާއަށް އަންގާފައިވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކަށް ބިނާކޮށް އޭނާ އަކީ ގައުމީ ސަލާމަތަށް ނުރައްކާތެރި މީހެއް ކަމަށް ގަބޫލު ކުރެވެމުންކަމަށް ބުނެފައިވެއެވެ. އަދި އެގޮތަށް އެންގުމުން ވެސް އޭނާ ފުރައިގެން ނުދިޔުމުން ތިން ފަހަރެއްގެ މަތިން ފުރައިގެން ދިޔުމަށް އަންގާފައިވާނެކަމަށާއި އޭނާ ބަންދު ކުރީ އެ އެންގުންތަކާ އެއްގޮތަށް އަމަލު ނުކުރުމުން ކަމަށް އެ ބަޔާނުގައިވެ އެވެ.
ކަރެކްޝަންސް ބެލުމުގެ ދަށުގައި ޔާސިރު ޔަހުޔާ ބަންދުކޮށްފައިހުރި މުއްދަތުގައި އޭނާ އާއި މެދު ޢަމަލުކޮށްފައި ވަނީ ސަލާމަތީގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރު ކުރުމަށްފަހު، އިންސާނީ ހައްޤުތަކަށް ރިޢާޔަތްކޮށް އޭނާގެ ދިވެހި އާއިލާގެ ގުޅުންބޭއްވުމަށާއި، ކެއުންބުއިމާއި ހުރުމުގައިވެސް ހާއްސަ އުސޫލެއްގެ ދަށުން ލުއި ގޮތަކަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. މިގޮތުން އޭނާގެ ދިވެހި އާއިލާ އާއި ގުޅުންބޭއްވުމަށާއި، ކެއިންބުއިމާއި ހުރުމުގައި ވެސް ޚާއްސަ އުސޫލެއްގެ ދަށުން ލުއި ގޮތްތަކެއް ހަމަޖައްސައި ދީފައިވާނެ ކަމަށް ކަރެކްޝަންސް އިންވަނީ ބުނެފައެވެ، އަދި އެ މުއްދަތުގައި އޭނާއާ ގުޅޭ މައުލޫމާތު ޔަމަނު ސަރުކާރަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ފޯރުކޮށްދީފައިވާނެކަމަށްވެސް އެ ބަޔާނުގައިވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީ މެދުވެރިކޮށް، ޔަމަނު ސަރުކާރުން ޔާސިރު ފުރުވާލުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދަން މަސައްކަތް ކުރި ނަމަވެސް އެކަމަށް ޔާސިރުގެ ފަރާތުން އެއްވެސް ވަރަކަށް އެއްބާރުލުން ލިބިފައި ނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެންކަމުން، އޭނާގެ ނުރުހުމުގައި އޭނާ އަނބުރާ ޔަމަނަށް ފޮނުވާލަން ބޭނުންވާ ލިޔެކިޔުންތައް ހޯދަންވެސް ޔަމަނު ސަރުކާރުގައި އެދުނު ކަމަށް ބަޔާނުގައިވަނީ ބުނެފައެވެ،
ޔާސިރު ޔަހުޔާގެ ވަކީލުންވަނީ އޭނާގެ ބަލި ހާލަތުގެ ސަބަބުން އޭނާ ގޭބަންދަށް ބަދަލުކޮށްދިނުމަށް ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި އެދިފައެވެ. އެހެންނަމަވެސް ކޯޓުން ވަނީ ވަގުތީ އަމުރު ނެރެދިނުމަށް ޝަރީއަތުގެ ޤަވާއިދުތަކުގެ މައްޗަށް ބިނާކޮށް އިންކާރުކޮށްފައެވެ.