އައްޑޫ ސިޓީ ހުޅުދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 17 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އައްޑޫ ސީޓި ހުޅުދޫއިން ބަންގަލަދޭޝްގެ ރައްޔިތެއްކަމަށްވާ ޖަސިމް ހައްޔަރު ކޮށްފައި ވަނީ 4 ސެޕްޓެމްބަރު2015 ގައި ސ. ހުޅުދޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި މައްސަލައިގައި ޖަސިމްގެ އިތުރުން އަލީ ރުޝްދީ އާއި އަހްމަދު މުނާފިސްގެ މައްޗަށްވެސް ދައުވާކޮށްފައިވާއިރު އިއްޔެ ކޯޓުން މައްސަލަ ބަލައި ހުކުމް ކޮށްފައި ވަނީ ޖަސިމްގެ މައްޗަށެވެ.
މިގޮތުން ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އަލީ ރުޝްދީ ޑައިފޯމިން ޓްރެފިކް ކުރި މައްސަލައިގައި ޖަސިމް ބައިވެރިވި ކަމުގެ ކުށް ސާބިތުވެފައިވާ ކަމަށެވެ. އަދި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 25 އަހަރަށް ޖަލަށްލުމަށް ހުކުންކޮށްފައިވާއިރު އޭނާ ބަންދުގައި ހުރި މުއްދަތު އުނިކުރުމަށް ފަހު ޖަސިމް ތަންފީޒް ކުރަން ޖެހޭނީ 17 އަހަރާއި 6 މަސް ދުވަހާ 14 ދުވަހެއްގެ ޖަލު ހުކުމެކެވެ.
މި މައްސަލައިގައި މުނާފިސް ވަނީ އެންމެ ފުރަތަމަ މަރުހަލާގައި އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިއުތިރާފް ވެފައެވެ. އޭނާއާ ގުޅޭ 14 ރަބަރު ޕެކެޓްގެ ޒިންމާ ނަގާފައިވާތީ އޭނާގެ މައްޗަށް ވަނީ ކުށް ސާބިތުވާ ކަމަށް މީގެ ކުރިން ކަނޑައަޅާފައެވެ. މި މައްސަލައިގައި ދެން ޝަރީއަތް ނުނިމި އޮތީ އަލީ ރުޝްދީގެ މައްސަލައެވެ. އެ މައްސަލަ ވަކި ގަޒިއްޔާއަކުން ބަލަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.