English Edition
Dhivehi Edition

މިދިޔަ މަހު 14 ވަނަ ދުވަހު މަރުވި މަޝްހޫރު އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް ފެނިގެންދާ އެންމެ ފަހު ފިލްމު “ދިލް ބޭޗާރާ”ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި މަހުގެ 24 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދިނުމަށް ނިންމާފައިވާ މި ފިލްމަކީ ސުޝާންތު މަރުވި އިރު، މަސައްކަތް ނިމި، ރިލީޒްނުވެ އޮތް ހަމައެކަނި ފިލްމެވެ. އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވި ބަތަލާ ސަންޖަނާ ސާންގީ އާއެކު ސުޝާންތު ކުލެފައިވާ މި ފިލްމުގެ ޓްރެއިލާ، އެއް ގަޑިއިރު ތެރޭ މިލިއަނަކަށް ވުރެ ގިނަ މީހުން ބަލާފައިވާއިރު މި ފިލްމަކީ “ދަ ފޯލްޓް އިން އަވަ ސްޓާޒް” ކިޔާ ވަރަށް އަސަރުގަދަ ރީތި ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމުގައި ކިޔައި ދެނީ ކެންސަރާ ހަނގުރާމަކުރާ ޒުވާން ދެ ލޯބިވެރިއެއްގެ ވާހަކަ އެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް، މަޝްހޫރު ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާ ބުނީ ދިލް ބޭޗާރާ’ އުފައްދަން ގަސްތުކޮށް ސުޝާންތު ކައިރީ އެ ވާހަކަ ބުނުމުން މި ފިލްމަށް އެއްބަސްވީ ސްކްރިޕްޓްވެސް ކިޔުމަކާ ނުލާކަމަށެވެ. “ކޮންމެ ޒަމާނަކުން އަހަރެން ފިލްމެއް އުފެއްދިޔަސް އެ ފިލްމެއްގެ ލީޑް ރޯލު ކުޅެދޭން ތައްޔާރަށް ހުންނާނެ ކަމަށް ސުޝާންތު ބުނި. އޭނާގެ އެ ވަުދު ފުއްދައިފި” މުކޭޝް ބުންޏެވެ. އިތުރަށް މުކޭޝްބުނީ ސުޝާންތު އާ ނުލައި ފިލްމު ރިލީޒްކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ސުޝާންތު އާ ނުލައި ފިލްމު ރިލީޒްކުރަން ޖެހިދާނެކަމަށް ކުޑަވެސް އުންމީދެއް ނުކުރާ ކަމަށެވެ.