English Edition
Dhivehi Edition

“އުފަންވާނީ ކޮން އިރަކުންތޯ މަރުވާނީ ކޮން އިރަކުންތޯ މިއީ އަހަރެމެންނަށް [އިންސާނުންނަށް] ނިންމޭނެ ކަމެއް ނޫން. ނަމަވެސް ދިރިއުޅޭނީ ކިހިނެއްކަން އަހަރެމެންނަށް ނިންމި ދާނެ،” މިއީ ސުޝާންތު ސިންގް ރާޖްޕުތް ފެނިގެންދާ އެންމެ ފަހު ފިލްމު “ދިލް ބޭޗާރާ”ގައި އޭނާ ބުނެފައިވާ ވާހަކައެކެވެ.

އިއްޔެ މި ފިލްމުގެ ޓްރައިލާ ދައްކާލުމާއެކު އޭނާއަށް ތާއިދުކުރާ ފަރާތްތަކާއި، ބޮލީވުޑްގެ ތަރިން ރޮއްވާލިއެވެ. ފިލްމުގެ ޓްރައިލާއިން ފެންނަ ހިތްދަތި މަންޒަރުތަކާއެކު ގިނަ ބަޔަކު ރޮއްވާލީ މިއީ ސުޝާންތުގެ މޮޅު ހުނަރު އެމީހުންނަށް ފެނިގެންދާނެ އެންމެ ފަހު ފިލްމުކަން ޔަގީންކުރެވޭތީއެވެ. މި ފިލްމުގެ ޓްރެއިލާ އާންމުކުރިތާ ގަޑިއިރެއްގެ ތެރޭގައި ވެސް ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އިރު މި ފިލްމަކީ ކާމިޔާބު ފިލްމަކަށް ހެދުމަށް ސުޝާންތުގެ ސަޕޯޓަރުން ތިބީ ތައްޔާރަށެވެ. މި މަހު 24 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދިނުމަށް ތައްޔާރުވަމުންދާ މި ފިލްމު ބޮޑު ސްކްރީންގައި އެޅުވުމަށް އޭނާގެ ސަޕޯޓަރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު ކޮވިޑް19 އާއި ގުޅިގެން އެ މަސައްކަތް ކާމިޔާބުވެފައި ނެތް ނަމަވެސް މި ފިލްމަކީ މިއަހަރުގެ އެންމެ ކާމިޔާބު ފިލްމަށް ވާނެކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ.

މި ފިލްމުގެ ޓްރައިލާ އާއި އެކު ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީވަނީ އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލާފައެވެ. މި ގޮތުން ރިއާ ކުރި ޓުވިޓެއްގައި ބުނީ މި ފިލްމު ބެލުމަކީ ވަރަށް އުދަގޫކަމަކަށްވާނެ ކަމަށެވެ. “އެކަމަކު މި ފިލްމު ނުބަލާ ދޫކޮށްލާނީ ކިހިނެތް؟” ހިތްހަލާކުވެފައިވާ އެމޯޖީ އަކާއެކު ރިއާ ކުރި ޓުވިޓެއްގައި ބުނެފައިވެއެވެ. ރިއާގެ އިތުރުން ސާރާ އަލީ ހާން ކުރި ޓުވިޓްގައި ބުނީ “ސުޝާންތް ސިންގް. އެންމެ ފަހު ފަހަރަށް.” މިހެންނެވެ.

މިދިޔަ މަހުގެ 14ދުވަހު އަމިއްލައަށް ދަންޖެހިގެން މަރުވި ސުޝާންތުގެ ވާހަކައިން މުޅި ސޯޝަލް މީޑިއާ ފުރާލާފައިވާއިރު މި ފިލްމުގެ ޑައިލޮގްތައްވެސް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. މި ގޮތުން ސުޝާންތުގެ ސަޕޯޓަރަކު ކޮށްފައިވާ ޓުވިޓެއްގައި ބުނީ ފިލްމުގެ ޓްރައިލާ ބަލާލުމުން ސުޝާންތުގެ ހަނދާންތައް އިތުރަށް ތާޒާވެއްޖެކަމަށެވެ.” އެ ހަނދާންތަކުން ހިތުގައި ޖެހިއްޖެ. މި ޓްރައިލާ ބަލާލުމުން އަނެއްކާވެސް އިހްސާސްވެގެން ދިޔައީ އަހަރެމެންނަށް ގެއްލުނީ ކިހާ މުހިއްމު މީހެއްކަން. ސްކްރީނުން ސުޝާންތު ފެންނަ ކޮންމެ ފަހަރަކު އަހަންނަށް އުފަލުން ރޮވޭ” އެ މީހާ ބުންޏެވެ.

އެހެން މީހަކު ކޮށްފައިވާ ޓުވިޓެއްގައި ބުނީ އަނެއްކާވެސް ސުޝާންތު ބެލުންތެރިންގެ ހިތް އަތުލައިފި ކަމަށާއި ފިލްމު ބަލާލުމަށް ކެތްމަދުވެފައިވާ ކަމަށެވެ.