English Edition
Dhivehi Edition

މިދިޔަ މަހު މަރުވި މަޝްހޫރު ތަރި ސުޝާންތު ސިންގް ރާޖްޕުތްގެ ބޭންކް ސްޓޭޓްމެންޓް އާންމުވެއްޖެއެވެެ،

ސުޝާންތުގެ ބޭންކް ސްޓޭޓްމަންޓް ޕަޓްނާ ފުލުހުން ނަގާފައިވާއިރު މި ސްޓޭޓްމެންޓް މިހާރުވަނީ ބޭރުގެ މީޑިއާތަކަށް ލީކުވެފައެވެ. މި ގޮތުން މި ސްޓޭޓްމެންޓްގައި މިދިޔަ ނޮވެމްބަރު މަހު ސުޝާންތު އެކައުންޓުގައި ހަތަރު ކުރޯޑު ރުޕީސް ހުރި އިރު މިއަހަރު ފެބްރުއަރީ މަހު އެ އެކައުންޓުގައި ބާކީ އިނީ އެންމެ ކުރޯޑެކެވެ. މި ސްޓޭޓްމެންޓުން ދައްކާގޮތުން ސުޝާންތުގެ ފައިސާ ހަރަދުކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީއަށެވެ.

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ސުޝާންތު އެކައުންޓުން ރިއާ ބޭނުންކޮށްފައިވާ ފައިސާތަކަށް ބަލާއިރު ރިއާގެ ކޮއްކޮ ޝޮވިކް ޗަކްރަބޯޓީގެ ފްލައިޓުގެ ޓިކެޓަށް މިދިޔަ އޮކްޓޯބަރު މަހު 81،901 ރުޕީސް ހަރަދުކޮށްފައިވެ އެވެ. އަދި ހަމަ އެމަހު 15ގައި ޝޮވިކް ހޮޓަލެއްގައި ބެހެއްޓުމަށް 472،925 ރުޕީސް ހަރަދުކޮށްފައިވާއިރު 16 އޮކްޜޯބަރުގައި ރިއާ އަދި ޝޮވިކްގެ ފްލައިޓް ޓިކެޓަށް ވަނީ 76،305 ރުޕީސް ހަރަދުކޮށްފަ އެވެ.

މީގެ އިތުރުން ރިއާގެ ޒީނަތްތެރިވުމަށް، ސުޝާންތުގެ އެކައުންޓުން 40،000 ރުޕީސް ހަރަދުކޮށްފައިވާއިރު، ރިއާގެ “ޒާރާ ވިޔަފާރި” އަށް ވަނީ 35،230 ރުޕީސް ހަރަދުކޮށްފަ އެވެ. ހަމައެއާއެކު ރިއާގެ ޕާލާ އަށް 9440 ރުޕީސް ހަރަދުކުރިއިރު މި އަހަރުގެ ޖަނަވަރީ މަހު ހެންސް އެންޑް މޯރިޓްޒް (އެޗް އެންޑް އެމް) އިން ރިއާ ވިޔަފާރިކުރުމަށް 9000 ރުޕީސް ވަނީ ބޭނުންކޮށްފަ އެވެ.

ސުޝާންތުގެ މަރާއި ގުޅިގެން ރިއާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު ސުޝާންތުގެ ބައްޕަ ވަނީ ރިއާ އާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ. މި ގޮތުން ސުޝާންތުގެ ބައްޕަ ވަނީ އޭނާގެ ދަރިފުޅުގެ އެކައުންޓުން 15 ކުރޯޑް ރުޕީސް ރިއާ ބޭނުންކުރިކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ ފައިސާ ސުޝާންތު އާއި ގުޅުންނެތް އެކި އެކި މީހުންގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާކަމަށް ސުޝާންތުގެ ބައްޕަ ބުނެފައިވެއެވެ.