English Edition
Dhivehi Edition

މީދޫ ޔޫތް ޗެލެންޖް ކަޕް 2020 ގައި ކުޅުނު ފައިނަލް މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން އެތްލެޓިކް އެފްސީ ހޯދައިފިއެވެ.

އިއްޔެ މީދޫ ރަސްމީ ދަނޑުގައި ކުޅުނު މި މެޗު އެތްލެޓިކް އެފްސީ އިން ކާމިޔާބުކުރީ އެފްސީ އެމިގޯސް އާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުންނެވެ. މި މެޗުގައި އެތްލެޓިކް އެފްސީ އިން ޖެހި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ސާޅީސްވަނަ ސިކުންތުގައި އެ ޓީމްގެ ތާރިޤްއެވެ.

ދެ ޓީމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ، މި ގޮތުން އެތްލެޓިކް އެފްސީ އަށް އޭރިއާތެރެއިން ހެދުނު ގޯހެއްގެ ސަބަބުން އެމިގޯސް އަށް ޕެނެލްޓީއެއް ލިބިފައިވާއިރު އެތްލެޓިކް އެފްސީގެ ކީޕަރު ނާއިމް ވަނީ މި ޕެނެލްޓީ ދިފާއުކޮށްފައެވެ.

މީގެ އިތުރުން މެޗުގެ ދެވަނަ ހާފްގައި އެމިގޯސް އަށް ހިލޭ ޖެހުމެއްވެސް ލިބިފައިވާއިރު އެ ޓީމުންވަނީ ދެވަނަ ހާފްގައި ގިނަ ހަމަލާތަކެއް އުފައްދާ ކުޅުން ވަރުގަދަކޮށްފައެވެ. އެހެންނަމަވެސް މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަށް މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގެ ފުރުސަތެއް ނުލިބިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކާފައިވާ އެތްލެޓިކް އެފްސީގެ ފައިސަމް އެވެ.