English Edition
Dhivehi Edition

މިނިވަންކަޕްގެ ގުރޫޕް ސްޓޭޖްގައި ފަހު މެޗުގައި އެފްސީ ކިއުކަމްބާރ އާއި އެތްލެޓިކް އެފްސީ ބައްދަލުކުރި މެޗު 6 ލަނޑު 2 ލަނޑުން އެތްލެޓިކް އެފްސީ ކާމިޔާބުކޮށްފިއެވެ.

އިއްޔެ މީދޫ ރަސްމީ ދަނޑުގައި ކުޅުނު މި މުބާރާތުގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗު ގައި ދެ ޓީމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެތްލެޓިކް އެފްސީގެ ސަހާފުވަނީ އެ ޓީމަށް 04 ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން އެ ޓީމްގެ ޖައިލަމް އާއި ތާރިޤްވަނީ ކޮންމެ ކުޅުންތެރިއަކަށް އެއް ލަނޑު ކާމިޔާބު ކޮށްދީފައެވެ. މި މެޗުގައި ކިއުކަމްބާރގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ވިޝާހް އާއި ޝިމާންއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ކުޅެ އެތްލެޓިކް އެފްސީ އަށް ހަތަރު ލަނޑު ކާމިޔާބުކޮށްދިން ސަހާފުއެވެ.

މާދަމާ މި މުބާރާތުގެ ސެމީގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައިވާ ޓީމްތަކަކީ ގުރޫޕް އޭ އިން 06 ޕޮއިންޓާއި އެކު ކްލަސްޓަރ އެފްސީ، 03 ޕޮއިންޓާއި އެކު އެފްސީ ބަސްޕާކްއެވެ. ގުރޫޕް ބީ އިން 09 ޕޮއިންޓާއި އެކު އެފްސީ އަމިގޯސް ސެމީއަށް ގޮސްފައިވާއިރު، އެ ގުރޫޕްގައި ހިމެނޭ އެތްލެޓިކް އެފްސީ ސެމީއަށް ދަތުރުކުރީ ހަތަރު ޕޮއިންޓާއެކުއެވެ.

މާދަމަ ކުޅޭ މި މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކްލަސްޓާރ އެފްސީ އާއި އެތްލެޓިކް އެފްސީއެވެ.