English Edition
Dhivehi Edition

އައްޑޫ ސިޓީއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރަން އިއުލާންކުރިތާ މިއަދަށް އެއް އަހަރު ފުރުނީއެވެ.

މިދިޔަ އަހަރު ޖުލައި މަހުގެ 25 ވަނަ ދުވަހު އައްޑޫ ސިޓީ ހުޅުދޫ، މީދޫ އަދި މަރަދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ނިންމާ އެކަމަށް ބޭނުންވާ ފަރާތްތަކަށް ގޯތިދޫކުރުމަށް އިއުލާންކޮށްފައިވާއިރު، ހުޅުދޫ އިން 2000 އަކަފޫޓްގެ 50 ގޯއްޗާއި މީދޫ އިން 2000 އަކަފޫޓްގެ 50 ގޯތީގެ އިތުރުން މަރަދޫ އިން 1500 އަކަފޫޓުގެ 30 ގޯތި ދޫކުރަން ނިންމާފައިވާކަމަށް ކައުންސިލުންވަނީ އިއުލާންކޮށްފައެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި، ސަރުކާރުން ބިން ދޫކުރުމަށް ނިންމާ، ގޯއްޗަށް އެދި އެތައް ބަޔަކު އަތުން ބޮޑު ހަރަދުތަކެއް ކޮށް ފޯމު ހުށަހަޅާފައިވާއިރު ސަރުކާރު ބަދަލުވުމާއެކު އެ ފޯމްތައް ޑަސްބިނަށް އެޅި ހަބަރާއެކު މާޔޫސްވެފައިތިބި ރައްޔަތުންނަށް އަނެއްކާވެސް އިތުރު އުއްމީދެއް ލިބިގެން ދިޔައީ މި ސަރުކާރުގެ ފުރަތަމަ އަހަރު އައްޑޫ އިން ބިން ދޫކުރާކަން އިއުލާންކުރުމުންނެވެ.

ގޯތި ދޫކުރުމަށް ނިންމާފައިވާކަން ކައުންސިލުން އިއުލާންކުރުމާއެކު ކުރީގެ ތަޖުރިބާ މަތިން ހަނދާން ނައްތާލާ ގޯތި ބޭނުންވާ ކޮންމެ މީހަކުވެސް މުއްދަތު ހަމަވުމުގެ ކުރިން އަތުން ހަރަދުތަކެއްކޮށް، އެ ފޯމުތައް ހުށަހެޅީ ގޯއްޗެއް ބޭނުންވެފައިހުރި ވަރުންކަން ޔަގީނެވެ. އެހެންނަމަވެސް މި ފޯމުތައް ހުށަހެޅިތާ އަހަރެއްވާން ކައިރިވެފައިވާއިރު ގޯއްޗަށް އެދި ހުށަހެޅި މީހުންވަނީ މާޔޫސްވެފައެވެ.

ގޯއްޗަށް އެދި ހުށަހެޅި ގިނަ މީހުން މިހާރު މި ގޯތިތައް މަތިން ހަނދާން ނައްތާލާފައިވާއިރު މި އަހަރުގެ ޖަނަވަރީ މަހު ތެރޭގައި ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލުންވަނީ ފެބްރުއަރީ މަސްތެރޭގައި ގޯތި ދޫކުރާނެ ކަން އިއުލާންކޮށްފައެވެ. 2020 ވަނަ އަހަރުގެ ކައުންސިލް ބަޖެޓަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހުޅުދޫ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުކުރީ ވިދާޅުވީ ފެބްރުއަރީ މަސްތެރޭ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކަށް ގޯތި ދޫކުރެވިގެންދާނެ ކަމަށެވެ.އަދި މިފަހަރު ދޫކުރާ ގޯތިތައް ދޫކޮށް ނިމުމާއެކު އަނެއްކާވެސް ގޯތި ދޫކުރުމަށް، އިއުލާންކުރެވިގެންދާނެ ކަމަށް ޝުކުރީ ވިދާޅުވިއެވެ.އަދި އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިޤް(ސޯބެ) ވިދާޅުވީ 2020 އަހަރުގެ ބަޖެޓް މަސައްކަތް ނިމުމާއެކު ގޯތި ދޫކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.

އެހެންނަމަވެސް ފެބްރުއަރީ މަސް ނިމި ގޯތި ދޫކުރަން އިއުލާންކުރިތާ އެއް އަހަރުވީއިރުވެސް މި ކަން އޮތީ ކުލަނުވި ހުވަފެނެއްގެ ގޮތުގައެވެ. މިކަމާއި ގުޅިގެން މައުލޫމާތުދެއްވަމުން މީދޫ ކައުންސިލަރ ހިޔާޒް ވިދާޅުވީ، ހުރިހާ ފޯމުތައްވެސް މިހާރު ސިޓީކައުންސިލަށް ފޮނުވާފައިވާނެކަމަށާއި ކުރިއަށް އޮތް އެއް މަސް ދުވަހުގެތެރޭގައި ގުރުނެގުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް ލަފާކުރެވޭ ކަމަށެވެ. “މިކޮޅުން، ކައުންސިލަށް ފޯމުތައް ފޮނުވި ހަފްތާގައި ލޮކްޑައުންވީ. ދެން އެކަމުގައި މިހާރު ހަތަރުމަސް ފާއިތުވެ ދިޔައީ. މިހާރުވެސް ގޯތި ދޫކުރުމަށް ކުރަންޖެހޭ މަސައްކަތް އަންނަނީ ކުރަމުން. ދެން މިހާރު މަސައްކަތް ގޮސްފައިވާ ހިސާބެއް ބަލާލަންޖެހޭނީ.” ހިޔާޒް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ދެން ދައްކަން އޮތް އެންމެ ބޮޑު ‘ބަހަނާއަކީ’ ކޮވިޑް19 އާއި ގުޅިގެން ކުރިމަތިވެފައިވާ އެކިއެކި ގޮންޖެހުންތަކުގެ ވާހަކައެވެ. އެހެންނަމަވެސް މިއީ ގަބޫލުކުރެވޭނެ އުޒުރެއް ނޫނެވެ. ކޮވިޑް19 އާއި ގުޅިގެން ދިރިއުޅުމަށްޓަކައި ބިން ދޫކުރުން ފިޔަވައި ކައުންސިލުން ކުރަން ބޭނުންވާ އެހެން ހުރިހާ ކަމެއް އަންނަނީ ކުރަމުންނެވެ. އެހެންކަމުން ކައުންސިލުން ރައްޔަތުންނަށް މިވަރު ކަމެއްވެސް ކޮށްދޭން ބޭނުން ނުވަނީ ކަމުގައި ގޯއްޗަށް އެދި ހުށަހަޅާފައިވާ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.”މިއަދާއި ހަމައަށް އައި އިރުވެސް ކައުންސިލުން މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ދީފައެއް ނެތް. ނުދެންޏާ ނުދޭ ވާހަކަވެސް ބުނީމަދޯ ރައްޔަތުންނަށް އެގޭނީ.ކޮންމެ ފަހަރަކު އެތައް އުދަގުލަކާ ތުރާލަކުން މި ފޯމުވެސްލެވެނީ. އެކަމަކު ވެރިން ހިތަށް އެރުމުން ފޯމުތައް މި އަޅާނީ ޑަސްޓްބިނަށް.ހުސް ބަހަނާ ދައްކަނީ” ގޯއްޗަށް އެދި ހުށަހެޅި ފަރާތަކުން ‘އޭއޯ ނިއުސް’ އާއި ވާހަކަދައްކަމުން ބުންޏެވެ.

ކޮންމެ ފަހަރަކު ރައްޔަތުން އަތުން ބޮޑު ހަރަދުތަކެއްކޮށް އެތައް އުއްމީދުތަކާއި އެކު ގޯއްޗަށް އެދި ހުށަހެޅުމުން ކައުންސިލުން ކަންތައް ކުރަމުން މިދަނީ އޯގާތެރިވެރިންތަކެއް ކަންތައް ކުރާ އުސޫލުންނޭ ބުނެވޭކަށް ނެތެވެ. ރައްޔަތުންނަށް އުއްމީދުތަކެއް ދިނުމަށްފަހު އެއް އަހަރުވި އިރުވެސް ގޯތި ދޫނުކުރެވުމުން، ރައްޔަތުން ވެރިންނާއި މެދު ދެކެންވީ ކިހިނެތް ތޯއެވެ؟

1 ކޮމެންޓް
ާއަލީ
ޖުލައި 25, 2020
ކައުންސިލެ ތިބީ ހުސް ވަގުން.ރައިޔަތަކާމެނާއި ދޭތެރެ ވިސްނާ ބާކިޔެ ނުނާ.ފައިސާވެރިއަކާމެންގެ ކަމަށް އެތެނާ ތެވެރިޔެ ކެރާށިޔެ.