English Edition
Dhivehi Edition

ޔަޝް ރާޖް ފިލްމްސް އިން އުފައްދާ ތަގްސް އޮފް ހިންދޯސްތާންގައި ކެޓްރިނާ ފެނިގެން ދަނީ އިންޑީއާގެ ސަގާފަތް ދައްކުވައިދޭ އަންހެނެއްގެ ރޯލުން ކަމަށް ފިލްމު އުފައްދާ ފަރާތުން ބުނެފިއެވެ. މި ފިލްމުގައި ކެޓްރިނާ ފެނިގެންދަނީ ބްރިޓިޝް މީހެއްގެ ރޯލުންކަމަށް ގިނަ ބަޔަކު ބުނަމުންދިޔަނަމަވެސް މީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަން މިހާރުވަނީ ޔަގީންވެފައެވެ. ވިޖޭ ކްރިޝްނާ ޑައިރެކްޓްކޮށް ޔަޝްރާޖް ފިލްމްސް އިން ޕޮރޮޑިއުސްކުރާ މި ފިލްމަކީ ކެޓްރިނާ މިފަދަ ރޯލަކުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. މީގެ އިތުރުން މި ފިލްމުގެ އެންމެ ބޮޑު ހާއްސަކަމަކީ އާމިރްޙާން އާއި އަމީތާބު ބައްޗަން އެކުގައި ފެނިގެން ދިއުންކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ. 2018 ވަނަ އަހަރު އިންޑިއާ މީހުން ފާހަގަކުރާ “ދިވާލީ” އާއި ދިމާކޮށް ނެރުމަށް ހަމަޖެހިފައިވާ މި ފިލްމުގައި ފާތިމާ ސަނާގެ މޮޅު އެކްޓިން ފެނިގެންދާނެކަމަށް އާމިރް ޙާންވަނީ ވުނެފައެވެ. މި ފިލްމާ ބެހޭ ވާހަކަތައް ޔަޝް ރާޖް ވަރަށް ބޮޑަށް ސިއްރުކޮށްފައިވާއިރު ގިނަ ބަޔަކު ބުނަމުންދަނީ މީ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެއް ކަމުގައެވެ. މީގެ އިތުރުން މި ފިލްމަކީ އަންހެންކުއްޖަކު އޭނާގެ ބައްޕަގެ ގާތިލުންގެ ފަރާތުން ބަދަލު ހިފުމަށްޓަކައި ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެއް ކަމުގައިވެސް ދަނީ ބުނަމުންނެވެ. އިންޑިއާގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުން މި ފިލްމަށް އިންތިޒާރުކުރަމުންދާއިރު މި ފިލްމުގައި ފާތިމާ ސަނާ ކުޅެންޖެހޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން އޭނާވަނީ ކަނޑި ގެންގުޅޭނެ ގޮތުގެ ހާއްސަ ޓްރެއިނިންތަކެއް ހަދާފައެވެ.