ރާއްޖޭގެ 110127 ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ރޯދަ ހަދިޔާ ބެހުމުގައި ޙަރަކާތްތެރިވި ސިޓީސް މިނިސްޓްރީގެ މުވައްޒަފުން ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުމަށް ރޭ އެ މިނިސްޓްރީގެ މާލޭ ޕަބްލިކް ވާރކްސް ޔުނިޓްގައި ބޭއްވި ޙަފުލާގައި އާދަމް ޝަރީފް ވިދާޅުވީ ރޯދަ ހަދިޔާއެއްގެ ގޮތުގައި މި އަހަރު ސަރުކާރުން ދެއްވާ މަސްދަޅު ކޭސް އިއްޔެއާ ހަމައަށް، މާލޭގެ 49416 ގޭބިސީއަކަށް ދެވިފައިވާކަމަށެވެ އަދި އަތޮޅުތެރޭގެ 60711 ގޭބިސީއަކަށް ފޯރުކޮށްދެވިފައިވާ ކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ މިހާތަނަށް މުޅި ޖުމުލަ 110127 ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވާ ކަމަށެވެ.
މާލޭ ސިޓީގެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ކުރިއަށް ގެންދެވިފައި ވަނީ ސިޓީސް މިނިސްޓްރީން ކަމަށް ވިއަސް، މި އިވެންޓް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިފައި ވަނީ ސަރުކާރުގެ ކުންފުނިތަކާއި، ސިފައިންނާއި އަދި ފުލުހުންގެ ޚާއްޞަ އެހީތެރިކަމާ އެކުގައެވެ. އަތޮޅުތެރޭގައި ރޯދަ ހަދިޔާ ބެހުމުގައި ޙަރަކާތްތެރިވީ ރަށްރަށުގެ ކައުންސިލްތަކުންނެވެ.
ރޭ ބޭއްވި ޙަފުލާގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ މި އަހަރުގެ ރޯދަ ހަދިޔާ ބެހުމުގައި ޙަރަކަތްތެރިވި އެންމެހައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ޝުކުރުއަދާކުރައްވައިފައެވެ.
ސަރުކާރުން މި އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ދިން މަސްދަޅު ކޭސް ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުގައި މިހާރު ވަނީ ބަހައި ނިންމައިފައެވެ.