English Edition
Dhivehi Edition

އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިން ހުޅުވާލީ މާރޗް 12 ވަނަ ދުވަހުއެވެ. ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ސުންގަޑި އިއްޔެ ހެނދުނު 11:00އަށް ހަމަވިއިރު ކުރިމަތިލީ އެންމެ ބޭފުޅެކެވެ. އެއީ ސިވިލް ކޯޓުގެ ޤާޟީކަމާއި، ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފަފައިވާ މަރްޔަމް ނިހާޔަތުއެވެ.

އެއާއެކު ޖުޑިޝަލް ސަރވިސް ކޮމިޝަނުން ކުރި ދެވަނަ ޢިއުލާނުގައި ވިދާޅުވީ ސުންގަޑި ހަމަވިއިރު އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ، އަލުން ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

ޖޭއެސްސީން ކުރި އިޢުލާނުގައި ބުނެފައިވާ ގޮތުގައި، މި މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މާރިޗު 15 ވަނަ ދުވަހުގެ 10:00 ގެ ކުރިން ފަހިރެސް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށެވެ.

މި ފުރުޞަތު ހުޅުވާލާފައިވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދު މި މަހުގެ 4 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސުޢޫދު އިސްތިއުފާ ދެއްވީ ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ޝަރުޠުތަކުގެތެރޭގައި ޢުމުރުން ތިރީސް އަހަރު ވެފައިވާ މީހަކު ކަމުގައިވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ހިމެނެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުންވެސް ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.