ރައްޔިތުންގެ މަޖިލީހުގެ އަމާޒަކީ ތަފާތު ކުރުމެއް ނެތި ފަނޑިޔާރުންގެ ސުލޫކީ ކަންކަން ހިފަހައްޓައިދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި ވަކި ފަނޑިޔާރަކާ މެދު ވަކި ގޮތަކުން އަމަލު ކުރުމުގެ ނިޔަތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހދ. ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް މަގާމުން ވަކި ކުރުމަށް ޖޭއެސްސީން، ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުއްވިކަން، އިއުލާން ކުރެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް މިއަދު އައިސްފައިވާ ފަނޑިޔާރުގެ މައްސަލައަކީ މަޖިލީހަށް މިހާތަނަށް ހުށަހެޅުނު އެންމެ ބޮޑެތި ތުހުމަތުތައް ކުރެވޭ އެއް ފަނޑިޔާރުގެ މައްސަލަ ކަމަށެވެ.
އިތުރަށް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން މަޖިލީހަށް އިންތިހާބުވެފައިވަނީ ވަރަށް މުހިއްމު ވައުދުތަކެއް ރައްޔިތުންނަށް ވުމަށްފަހު ކަމަށާއި އޭގެ ތެރެއިން ޝަރުއީ ނިޒާމު އިސްލާހު ކުރުމަކީ އެންމެ މުހިއްމު އެއް ވައުދު ކަމަށެވެ.
ރިޝްވަތާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ފަނޑިޔާރަކު ވަކިކުރަން ހުށަހަޅަނީ
ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމް ސަސްޕެންޑްކޮށްފައިވާއިރު ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ ހދ. ހިރިމަރަދޫ ކޯޓުގައި މައްސަލައެއް ނިންމުމުގައި އިސް މެޖިސްޓްރޭޓް މައުސޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާކަމަށް ސާބިތުވާ ކަމަށެވެ.