ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ދެ މެންބަރުން އައްޔަން ކުރައްވައިފިއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަނަށް މިއަދު ޢައްޔަންކުރެއްވި ދެ މެންބަރުންނަކީ ރައްޔޮތުންގެ މަޖިލީހުގެ ރައީސް ލ.ފޮނަދޫ، އަރާއިރު، ޢަބްދުއްރަޙީމް ޢަބްދުﷲއާ ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ކ.ގުރައިދޫ، ސީވީޑް ޙުސައިން ރިޟާ އާދަމެވެ. ޢަބްދުއްރަޙީމް ޢަބްދުﷲ ޢައްޔަންކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. ޙުސައިން ރިޟާ ޢައްޔަންކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ދެ ބޭފުޅުންނަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، މި ދެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވާފައެވެ.
މީގެ އިތުރުން ރައީސް ވަނީ .ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރެއްވީ ދަފްތަރު. ނަންބަރު ރސ 9472، ފާޠިމަތު ޙަބީބާއެވެ.
މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، މިރަސްމިއްޔާތުގައި ފާޠިމަތު ޙަބީބާއާ ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވާފައެވެ.