English Edition
Dhivehi Edition

ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފަނޑިޔާރަކު މަގާމުން ވަކިކުރަން, ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ރިޝްވަތު ނެގުމާއި ޖިންސީ ގޯނާގެ މައްސަލައިގައި ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމްގެ، މައްސަލަ ތަހުގީގު ކުރަމުންދާތީ އޭނާ ކުރިން ހުރީ ސަސްޕެންޑް ކޮށްފައެވެ.

ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ ހދ. ހިރިމަރަދޫ ކޯޓުގައި މައްސަލައެއް ނިންމުމުގައި އިސް މެޖިސްޓްރޭޓް މައުސޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާކަމަށް ސާބިތުވާ ކަމަށެވެ. މީގެ އިތުރުން އިސްމެޖިސްޓްރޭޓް މައުސޫމް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރިޝްވަތުގެ އެހެން މުއާމަލާތްތައްވެސް ކޮށްފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ، އޭނާއަށް ލިބޭ މުސާރަ އާއި އިނާޔަތުގެ އިތުރަށް އޭނާގެ އެކައުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ލިބިފައިވާ ފައިސާ ކަން ސާބިތުވާ ކަމަށެވެ.

މީގެ އިތުރުން ވަޒީފާގެ މާހައުލާ އެކަށީގެން ނުވާ ގޮތަށް އަމަލުކޮށް، އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާމެދު އިސް މެޖިސްޓްރޭޓް މައުސޫމް މުހާތަބުކޮށްފައިވާ ކަމަށާއި އެކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ކަންތައްތަކެއް ކަން ތަހުގީގަށް ސާބިތުވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އަދި އެ އަމަލުތަކަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފް އަމަލުތަކެއް ކަމަށްވާތީ އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ކަމަށް ވެސް ބަޔާނުގައިވެ އެވެ.