އައްޑޫ ސިޓީގެ އެހެން ރަށްތަކާއި ވަކިން އޮންނަ ،މީދޫ އަކީ ބޮޑު ކަނޑެއްގެ އައްސޭރިފަށުގައި ވަކިން އޮތް ރަށެވެ. ކަނޑުން އަންނަ ބިޔަ ރާޅުތައް ރަށުގެ ހޭޅިފަށަށް ބިންދާލުމުގެ ސަބަބުން ރަށް ގިރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، ރަށުގެ ބޮޑު ބައެއް ގެއްލިގެން ހިނގައިދާނެކަމުގެ ބިރުވަނީ ހީވެފައެވެ. ރަށުގެ ދަނޑުބިންތައް ގެއްލި ކަނޑުގެ ލޮނުގަނޑު ކުޅީގެ ތެރެއަށް ވަދެ ކުޅި މޫދަށް ބަދަލުވެދާނެކަމުގެ ބިރު ހީވެފައިވާއިރު ރަށް ގިރުމުގެ ސަބަބުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން ބެހެއްޓި ބަޑިބުރުޒުތަކާއި ބަންކަރުތައް ވެސް މިހާރުވަނީ މޫދުގައެވެ. އެ ސަރަހައްދުން ދަތުރުކުރުމަށް އެންމެ ފުރަތަމަ ހެދި މަގުވެސް މިހާރު ފެންނާކަށް ނެތްއިރު.އެ މަގު ގިރައިގެން ދިއުމަށް ފަހުވެސް އެ ސަރަހައްދުން ދަތުރުކުރުމަށް ތިން މަގެއް ވަނީ ހަދާފައެވެ. އެހެންނަމަވެސް ރަށްގިރުމުގެ ސަބަބުން އެ މަގުތައްވެސް މޫދަށް ދިޔައިރު، މިހާރު ހަދާފައި އޮތް މަގުންވެސް ހަތަރު ފުރޮޅީ އުޅަނދެއްގައި ދަތުރުކުރުމަކީ އުނދަގޫކަމެކެވެ.
މީގެ ކުރިން ރަށުގެ އެންމެ ބޮޑަށް ގިރާ އެއްސަރަހައްދު ހިމާޔަތްކުރުމަށްޓަކައި 2008 ވަނަ އަހަރު 400 ފޫޓު ތޮށިގަނޑެއްލީ ނަމަވެސް މިހާރު އެ ތޮށިގަނޑުވެސް މުޅިން ހަލާކުވެފައެވެ. އަދި އެކަމުންވެސް ރައްޔިތުންނަށް އިތުރު ތަކުލީފްތަކާއި ކުރިމަތިލާންޖެހިފައިވާއިރު މި މައްސަލަ ހައްލުކޮށް ދިނުން އެދި އާދޭސް ނުކުރާ ސަރުކާރެއް ނެތެވެ. ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައިވެސް މީދޫ ރައްޔިތުން އެކިއެކި މިނިސްޓްރީތަކުގެ ދޮރުގައި ޓަކިޖަހާފައިވާއިރު ނިމިދިޔަ ސަރުކާރުން ވެސް މީދޫ ގެ ގިރާ ސަރަހައްދުގައި، އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓު ލޯނުގެ އެހީގައި ބޮޑު ހިލަޖެއްސުމައް ނިންމަފައިވާކަމަށް ބުނެފައިވެއެވެ. އަދި 2018 ވަނަ އަހަރު އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް އެ ސަރުކާރުގެ ހައުސިންގް މިނިސްޓަރު މުހައްމަދު މުއިއްޒު ތަކުރާރުކޮށް އެކިފަހަރު ވިދާޅުވެފައިވާއިރު އޭރުގެ އެންވައިރުމެންޓް މިނިސްޓްރ ތޯރިގް ވެސްވަނީ މިކަމުގެ ޔަގީންކަން ދެއްވާފައެވެ. ނަމަވެސް ވެރިކަން ބަދަލުވެގެން ދިޔައިރުވެސް އެ ޕްރޮޖެކްޓުގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައެއް ނުވެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ދުވަސްވަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ސަރުކާރުގެ ސަމާލުކަމަށް މީދޫ ގިރުމުގެ މައްސަލަ ގެނެސްފައިވާއިރު، 2019 ވަނަ އަހަރުގެ ބަޖެޓްގައި އެ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ސާވޭ ހެދުން ހިމަނާފައިވެއެވެ. އަދި 2020 ވަނަ އަހަރު ސާވޭ ނިމި އަމަލީ މަސައްކަތް ފެށޭނެކަމަށް ސަރުކާރުން ބުނެފައިވާއިރު، 17 އޮކްޓޯބަރުގައި އައްޑޫ ހިތަދު އާއި މީދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ހިންގާ މަޝްރޫއަށް ކޮންސަލްޓެންސީ ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެސް އޮފް އިންޓަރެސްޓް (އީއޯއީ) ހުށަހެޅުމުގެ ފުރުސަތު ޕްލޭނިން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. ސަރުކާރުން ހަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓުގެ މަސައްކަތްތަކުގެ ތެރޭގައި މީދޫ ގިރާ ސަރަހައްދުތަކުގެ މަސައްކަތްކުރުމަށް ބޭނުންވާ މިހާރުގެ އެންވަޔަރަމަންޓްގެ ލިޓަރޭޗަ ރިވިއު އާއި އެންވަޔަރަމަންޓަލް ބެތިމެޓްރިކަލް އާއި ހައިޑްރޮލޮޖިކަލް ސާވޭ އާއި މަސައްކަތާ ގުޅޭ ޑޭޓާ ނެގުމާއި ފީސިބިލިޓީ ސްޓަޑީ ހެދުމާއި ކޮންސެޕްޓް އިންޖިނިއަރިން ޑިޒައިނާއި ޑިޒައިން ރިޕޯޓާއި ކުރެހުން ސެޓާއި ބިލް އޮފް ކުއަންޓިޓީޒާއި ސްޕެސިފިކޭޝަނާއި އީއައިއޭ ހެދުން ވެސް ހިމެނެ އެވެ. އެހެންނަމަވެސް މި މަސައްކަތަށް އަށް މަސްވެގެން ދިޔައިރުވެސް ފެށިފައެއް ނުވެއެވެ.
05 ފެބްރުއަރީ 2020 ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ޖަޕާންގެ ޕާން އިންޓަނެޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގުޅިގެން ކުރިއަށް ގެންދާ ސާވޭ އައްޑޫ މީދޫގައިވެސް ކުރިއަށް ގެންދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވާއިރު އެ މަސައްކަތުގެ އަމަލީ މަސައްކަތްވެސް ކުރިއަށް ދިޔައެވެ. އެހެންނަމަވެސް މިހާތަނަށްވެސް އެ ސާވޭ އާއި ގުޅޭ އެއްވެސް މައުލޫމާތާއެއް ހިއްސާކޮށްފައެއް ނުވެއެވެ.
މީގެ 09 މަސް ކުރިން އައްޑޫ ސިޓީ މީދޫގެ އިރު އުތުރު ފަރާތް ވަރަށް ބޮޑަށް ގިރަމުންދާތީ އެ މައްސަލަ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އިންފްރާ ސްޓްރަކްޗަރ މިނިސްޓްރު، މުހައްމަދު އަސްލަމުގެ ސަމާލުކަމަށް ގެންނަވައި މީދޫ ދާއިރާގެ މެމްބަރުން ރޮޒައިނާ އާދަމް މިނިސްޓަރ އަސްލަމަށް އެޑްރެސް ކުރައްވާ ސިޓީއެއް ވަނީ ފޮނުއްވާފައެވެ. އެ ސިޓީގައި މީދޫގެ އިރު އުތުރު ފަރާތުން ހަލުވި ސްޕީޑެއްގައި ގިރަމުންދާ މައްސަލަ ފާއިތުވެދިޔަ އަހަރުތަކުގައި އެކިފަހަރު މަތިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރަށް ހުށަހަޅާފައިވާނެކަން ފާހަގަކޮށްފައިވެއެވެ. އަދި މިހާރުން މިހާރަށް ހައްލެއް ނުލިބިއްޖެނަމަ އެ ސަރަހައްދުން ދުއްވަން އޮންނަ މަގުވެސް އަހަރު ނިމެންވާއިރަށްވެސް އޮންނާނެކަމުގެ ޔަގީންކަމެއް ނެތްކަމަށް ވިދާޅުވެފައިވާއިރު މިހާރުން މިހާރަށްވެސް އެ ސަރަހައްދަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ރޮޒައިނާ އެދިވަޑައިގެންފައިވެއެވެ. އެހެންނަމަވެސް މިއަދާއި ހަމައަށް އައި އިރުވެސް ‘އެ ސަރަހައްދު ސާވޭކޮށް ބޮޑު ހިލަޖަހާނެ’ ކަމަށް ވިދާޅުވާ އަޑުފިޔަވައި އެހެން އެއްވެސް މަސައްކަތެއް ފެށިފައެއް ނެތެވެ.
މި މައްސަލައިގައި މީދޫ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ގޮސްފައިވާއިރު، މި އަޑު އެއްސެވި އެއްވެސް މުއައްސަސާއެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ހުޅަނގު މޫސުމުގައި ރަށަށް އުދަ އަރަން ފެށުމުން ރައްޔިތުން އަމިއްލަށް ވެލި ބަސްތާތައް ޖަހާފައިވާއިރު، ކޮންމެ ފަހަރަކު އުދައަރަން ފެށުމުން އެ ސަރަހައްދަށް ފަސް އަޅާލުން ފިޔަވައި އިތުރުކަމެއް ސަރުކާރުން ކުރާތަނެއް ނުފެނެއެވެ، އެ ވާހަކައިގެ އަޑުގަދަވާ ކޮންމެ ފަހަރަކު ފަސްކޮޅެއް އަޅާލާ ހޯދައިދޭ ވަގުތީ ހައްލުގެ ސަބަބުން، ރަށުގެ ތާރީހާއި ތަރިކަ ނެތި ހިނގައިދާނެ ކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ. ރަށް ގިރާ ހުސްވާއިރުވެސް މި ތޮށިލެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތްކަމަށް ގިނަ ރައްޔަތުން ބުނަމުން އަންނައިރު މީދޫ ތޮށިލާ ވާހަކައަކީ ކޮންމެ އިންތިހާބަކާއި ދިމާކޮށް ދައްކާ ހޮޅި ވާހަކައެކެވެ..