އައްޑޫ ސިޓީ މީދޫއަކީ ކުރީ ސަރުކާރުގައި ވަރަށް ބާކީކޮށްފައި އޮތް ރަށެއް ކަމަށާއި އެހެންނަމަވެސް މި ސަރުކާރުގައި މީދޫ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، އެކަންކަން ހައްލު ކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މަޖިލސް މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ އައްޑޫ ސިޓީ މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރޮޒައިނާ ވިދާޅުވީ ކުރީ ސަރުކާރުން މީދޫ ވަރަށް ބޮޑަށް ބާކީ ކޮށްފައިވާކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުގައި މީދޫ ރައްޔިތުންގެ ކަން ބޮޑުވުންތައް އަޑުއަހައި، އެކަންކަން ހައްލު ކޮށްދިނުމަށް މަސައްކަތްކުރާނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ. . މީދޫގެ ބިމުން ބޮޑު ބައެއް ގިރަމުންގޮސް ބިމުން ބޮޑު ބައެއް މިހާރު ގެއްލިފައިވާކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ މި މައްސަލަ އެކި ސަރުކާރުތަކުގައި ސަމާލުކަމަށް ގެނައި ނަމަވެސް މިހާތަނަށްވެސް، އެއްވެސް ސަރުކާރެއްގައި މިކަމަށް ހައްލު ހޯދިފައި ނުވާކަމަށެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަކީ މީދޫއަށް ވަރަށް ބޭނުން ޖެހިފައިވާ މަސައްކަތެއްކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ މިއީ މިހާރަށް ބޭނުންވާ ވަގުތީ ހައްލެއްކަމަށެވެ. މީދޫ ގިރަމުންދާ ބާރު ސްޕީޑަށް ބަލާއިރު، ދާއިމީ ހައްލުގެ މަސައްކަތް ފެށުމާއި ހަމައަށްވެސް އެސަރަހައްދު އޮންނާނީ މިހާރުން މިހާރަށްވެސް މިކަން ހައްލު ކުރެވިގެންކަން ރޮޒައިނާވަނީ ފާހަގަކޮށްފައެވެ. “އެހެންކަމުން ރައީސް އަރިހުގައި މިހާރު މިތަން މިއޮތް ހާލަތު ދަންނަވައިދިނީމަ، އަޅުގަނޑުމެންނަށް ވަރަށް އިސްކަމެއް ދެއްވައިގެން، ޚަރަދު ބޮޑުވިކަމުގައިވީ ނަމަވެސް ހަމަ ވަގުތުން ވަގުތަށް މިތަނުގައި ކުރަންޖެހޭ ކަންކަން ކުރުމަށް އެ ފުރުސަު ދެއްވި ކަމަށްޓަކައި ރައީސަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން” ރޮޒައިނާ ވިދާޅުވިއެވެ.
އިތުރަށް ރޮޒައިނާ ވިދާޅުވީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން މަޝްރޫއެއް ކުރިއަށް ރޭވިފައިވާކަމަށާއި އެކަމުގެ ސާރވޭތައް މިހާރު ކުރިއަށްދާކަށެވެ.
މީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، 848,1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބިންގަނޑު އެއްވަރު ކުރުމާއި ބެޑް ތައްޔާރު ކުރުމާއި، 210 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ އިން މި ކުންފުންޏާއި ހަވާލުކުރި މި މަޝްރޫޢަކީ 80.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.