އައްޑޫ ސިޓީ މީދޫ ގިރާ ސަރަހައްދު ސާވޭކޮށް ދާއިމީ ހައްލެއް ލިބެންދެން ވަގުތީ ހައްލެއް ހޯދުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓިވީގެ ސިޔާސީ ދުނިޔެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ރުކާރުން ފަށާފައިވާ މަސައްކަތްތައް ކޮވިޑާ ގުޅިގެން ހުއްޓުމަކަށް އައިސްފައިވާނުވާ ކަމަށާއި މިހާލަތުގައި ވެސް ރައްޔިތުންނަށް ދޭންޖެހޭ ހުރިހާ އަސާސީ ހައްގެއް ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކަމަށެވެ. މި ގޮތުން މި ސަރުކާރުން ހުއްޓުމެއްނެތި ތަރައްޤީގެ މަޝްރޫއުތައް ހިންގަމުން އަންނަކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ ހުޅުމީދޫއަށް އެކަނި ބަލާލިކަމަށްވިޔަސް ހެލްތް ސެންޓަރާއި އިންޖީނުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ
މީގެ އިތުރުން މީދޫގައި ސްވިމިންގ ޓްރެކެއް ހެދާ ނިމިފައިވާކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ މީދޫ ބަނދަރާއި މެދު ބަނދަރުގެ މަސައްކަތް ކުރިއަށް ދާކަމަށާއި މިދިޔަ ހަފްތާގައިގިރާ ސަރަހައްދު ސާވޭކޮށް ދާއިމީ ހައްލެއް ލިބެންދެން ވަގުތީ ހައްލެއް ހޯދުމަށް އެމްޓީސީސީއާ ހަވާލުކުރެވިފައިވާކަމަށެވެ .
މީގެ އިތުރުން ބިން ހިއްކުމުގެ މަސައްކަތް ނޮވެމްބަރުމަހު ފެށުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް އިތުރު މަގުތައް ހެދުމަށް ނޮވެމްބަރުގައި ހަވާލުކުރެވޭނެކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ. “މީދޫ ޔޫތު ސެންޓަރުގެ ޕްރިމިލިނަރީ މަސައްކަތްތައް ނިންމާ ކުރެހުންތަކާ އެއްޗެހިވެސް ނިންމާފަ ބަޖެޓަށް ލާފައި އޮއްވާ ކޮވިޑްގެ ކަންތައް އައީ، އެކަންވެސް ފަންޑު ހޯދައިގެން ކުރެވޭތޯ މިއުޅެނީ. މިސްކިތުގެ ކަންތައްވެސް ސައުދީ ފަންޑުން ކުރެވޭތޯ މަސައްކަތް ކުރެވެމުންދަނީ. ސ.އަތޮޅު މަދަރުސާގެ އައު އިމާރާތެއް ހެދުމުގެ މަސައްކަތް ކުރެވެމުންދަނީ. ހުޅުމީދޫގައި ރީހެބް ޕްލޭންކުރެވި އެ މަސައްކަތް އެދަނީ ކުރެވެމުން. މަދުތޯ މިވަރު އެއް އަހަރަށް” ރޮޒައިނާ ވިދާޅުވިއެވެ.
އިތުރަށް ރޮޒައިނާ ވިދާޅުވީ އައްޑޫ ސިޓީގެ ވަކިވަކި ރަށްތަކަށް ބެލި ނަމަވެސް ގިނަ މަޝްރޫއުތަކެއް ކުރިއަށްދާކަމަށާއި ކޮވިޑާ ގުޅިގެން ބައެއް މަޝްރޫއުތަކަށް މަޑުޖެހުމެއް އައި ނަމަވެސް އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ މަސައްކަތްތަކެއް ނިންމުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށެވެ.