“ބިލްޑިންގް ކްލައިމެޓް ރެސިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް’ ޕްރޮޖެކްޓްގެ ދަށުން އައްޑު ސިޓީ މީދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
ދިވެހި ސަރުކާރާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖޭ.އާއި.ސީ.އޭ) އަދި ގްލޯބަލް ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ރާވައިފައިވާ މި ޕްރޮޖެކްޓްގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ޖޭ.އައި.ސީ.އޭ އާއި އައްޑޫ ސިޓީ ކައުންސިލާއި ދެމެދު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ޕްރޮޖެކްޓްގެ ދަށުން މީދޫ ގޮނޑުދޮށުގެ 1400 މީޓަރުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށް ޖިއޯބޭގް ޖެހުމުގެ މަޝްރޫއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ، މި މަޝްރޫޢުގެ ދަށުން، 848,1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބިންގަނޑު އެއްވަރު ކުރުމާއި ބެޑް ތައްޔާރު ކުރުމާއި، 210 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ވަނީ ޖަހާފައެވެ.މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ އިން މި ކުންފުންޏާއި ހަވާލުކުރި މި މަޝްރޫޢަކީ 80.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.