އައްޑޫ ސިޓީ މީދޫ ގިރާ ސަރަހައްދުގެ މަސައްކަތް ލަސްވަމުންދަނީ ޖަޕާންގެ އިންޓަނެޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އެ މަސައްކަތް ފެށުމުގެ ކުރިން ބަލަންޖެހޭ ގިނަ ކަންތައްތައް ބަލާ އިތުރަށް ދިރާސާކޮށް އެ މަސައްކަތް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށްކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަދައްކަމުން ރޮޒައިނާ އާދަމް ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ބޮޑު ހިލަޖެހުމުގެ މަޝްރޫއު ހުޅުދޫ އާއި ހަމައިން ހުއްޓާލީކަމަށާއި އެހެންނަމަވެސް އޭރުވެސް ބޮޑަށް ގިރަމުން ދިޔަ ރަށަކީ މީދޫކަމަށެވެ.
މީދޫ ރައްޔިތުންގެ އެންމެ ބޮޑު އެއްކަންބޮޑުވުންކަމަށްވާ މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދީގެން މަސައްކަތްކޮށްފައިވާއިރު، ރޮޒައިނާ ވިދާޅުވީ ޖައިކާ އިން ސާވޭކޮށް މިހާރު އެކަން އޮތީ ޖައިކާގެ ހިލޭ އެހީގެ ދަށުން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޕްރޮޕީސްކޮށް، އެކަމަށް ބޭނުންވާ ފަންޑުވެސް ލިބިފައިވާކަމަށެވެ.
ޖައިކާއިން އެ މަސައްކަތް ފެށެންދެންވެސް އެ ސަރަހައްދު ގިރާ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން މިހާރު ޖިއޯ ބޭގް ޖަހާފައިވާކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ މި މަސައްކަތަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށެވެ. “އެތަނުން ރާޅު އަންނައިރު ވަރަށް ބޮޑަށް ގާ އާދޭ. އެހެންކަމުން އެތަނުގެ ތިރީގައި ޖަހާފައިވާ ޖިއޯ ބޭގްސްތައް ފަޅައިގެންދާތީވެ، އެމްޓީސީސީއިން ވަނީ އެތަނުގައި ޖިއޯބޭގުން ނުހިފެހެއްޓޭނެކަމަށް ބުނެ ބޯޑާވެސް ޖަހަން ޕްރޮޕޯސްކޮށް، މިނިސްޓްރީ އެކަން މިހާރު ކުރިއަށް އެބަދޭ، “ރޮޒައިނާ ވިދާޅުވިއެވެ.
އިތުރަށް ރޮޒައިނާ ވިދާޅުވީމި ޖިއޯ ބޭގްސް ހަލާކުވުމުގެ ކުރިން އެތަނުގައި ބޯޑާސްތައް ޖެހޭނެކަމަށާއި އިތުރަށް ނުގިރާ، ޖައިކާގެ މަސައްކަތް ފެށުންދެން ހިފަހެއްޓޭވަރު ސަރުކާރުން ކޮށްދޭނެކަމަށެވެ.
މި މަސައްކަތް އަވަސްކުރުމުގެ ގޮތުން ޖައިކާއިން އޭތި އަތުލަުމަށްފަހު އެމްޓީސީސީ އާއި ހަވާލުކޮށްފިނަމަ އިތުރު ޑިޕްލޮމެޓިކް މައްސަލަތަކެއް ކުރިމަތިވާނެކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ އެ މަސައްކަތް ޖައިކާއިން ކުރުވުމަކީ މީދޫ ދާއިރާގެ ކައުންސިލަރާއި މެމްބަރު ރޮޒައިނާވެސް ބޭނުންވާ ގޮތް ކަމަށެވެ.