English Edition
Dhivehi Edition

ބިދޭސީންގެ މައްސަލަ އަކީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ސިފަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ މިހާރު މި ގައުމުން ފެނިގެން ދަނީ އިސްތިއުމާރީ ބޮޑު ބާރަކުން ހިފާފައި އޮތް ގައުމަކުން ވެސް ފެންނާނެ ފަދަ މަންޒަރުތައް ކަމަށާއި މި މައްސަލަ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ވަނީ ކީއްވެގެންތޯ ބެލުމަކީވެސް މުހިންމު ކަމެއް ކަަމަށެވެ.

ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި އެތައް އަހަރަކަށް ދިގުލައިގެން ގޮސްފައިވާ މައްސަލައެއްކަން ފާހަގަކުރައްވަމުން ޝަމާލް ވިދާޅުވީ ގައުމީ ދިފާއީ ބާރުން އެކުލަވާލާފައި އޮތް ލަފާ ދޭ މަޖިލިސްގެ ތެރެއިން ކޮޓީއެއް ނަގައިގެން ތައްޔާރުކުރި ސްޓަޑީއަކުން، ރާއްޖޭގައި މިވަގުތު ދެ ލައްކައަށް ވުރެ ގިނަ ބިދޭސީން އުޅެމުން އަންނަކަމަށް ދައްކާފައިވާ ކަމަށެވެ. އޭގެ ތެރެއިން 66،000 މީހުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންކަން ހާމަކުރައްވަމުން ޝަމާލް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ކަންބޮޑުވާ މިންވަރަށް މަތިވެފައިވުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަމަށެވެ.

އިތުރަށް ޝަމާލް ވިދާޅުވީ މި ޒަމާނަކީ އެއް ގައުމު އަނެއް ގައުމަށް ހަތިޔާރު ހިފައިގެން އަރާ، ހިފާ ޒަމާން ނޫންކަމަށެވެ. އަދި ރާއްޖެއަށް މިހާ ގިނަ އަދަދެއްގެ ބިދޭސީން އެތެރެވެފައި މިވަނީ ބޯޑަރުތައް ހުޅިވިފައި އޮތުމުގެ އިތުރުން، ބޯޑަރުތައް އެކަށީގެންވާ ގޮތެއްގައި ރެގިއުލޭޓު ނުކުރެވޭތީ ކަމަށް ޝަމާލް ވިދާޅުވިއެވެ. ރާއްޖޭގައި ތިބި ޒުވާނުންގެ އަދަދަށްވުރެ ބިދޭސީންގެ އަދަދު މައްޗަށް ގޮސްފައިވާކަން ފާހަގަކުރައްވަމުން ޝަމާލް ވިދާޅުވީ ގިނަ މީހުންނަކީ ގަވައިދާ ހިލާފަށް އުޅޭ މީހުން ކަމުން އެމީހުންގެ މައްޗަށް ގާނޫނު ތަންފީޒުނުކުރެވޭ ހިސާބަށް ކަންކަން ގޮސްފައިވާކަމަށެވެ. އެހެން ރާއްޖޭގެ ހުރިހާ މުއައްސަސާއަކުންވެސް މި މައްސަލަ ހައްލުކުރަން މަސައްކަތް ކުރަންޖެހޭ ކަމަށް ޝަމާލް ވިދާޅުވިއެވެ.