ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން ނާޖާއިޒު ފައިދާ ނަގައި މާލީ މަންފާ ހޯދުމަކީ ގައުމަށް އިންތިހާއަށް ބޮޑު ގެއްލުންވާނެ ކަމަކަށްވާތީ މިފަދަ ކަންކަން ނުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ނަސޭހަތްތެރިވެޑައިގެންފިއެވެ.
ވަޒީރު އިހްސާން މިހެން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އުފައްދާފައިވާ ޓާސްކްފޯސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގައި ބިދޭސީން ގަވާއިދާ ޚިލާފަށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުގެ މައްސަލައާއި ގުޅިގެން މިނިސްޓަރ ވަނީ އެފަދަ ތަންތަން ވަގުތުން ބަންދުކުރާނެކަމަށް ވިދާޅުވެފައެވެ.
ވަޒީރު އިހްސާން ވިދާޅުވީ ޓާސްކްފޯސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގެ ތެރޭގައި ސްޕާތަކުގައި ހަށިވިއްކުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވުނު ކަމަށެވެ. އެއާއެކު އެކަމުގައި ހިމެނޭ ބިދޭސީން ހައްޔަރުކޮށް އިމިގްރޭޝަންގެ ޤާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. ނަމަވެސް ޓާސްކް ފޯހަށް މިގެނެވުނު ބަދަލުތަކާއެކު މީގެ ފަހުން ބިދޭސީ މީހާ ހައްޔަރުކުރުމުގެ އިތުރުން މިފަދަ ތަންތަން ބަންދުކޮށް ތަނުގެ ވިޔަފާރިވެސް ބަންދުކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މީގެކުރިން އެފަދަ ތަންތަނުގައި މަސައްކަތް ކުރާ މީހާ ނަގައިގެން އަންނަ އިރު ތަން ހުންނަނީ ހުރިގޮތަށް ބަހައްޓާފައި ކަމަށެވެ.
“ދެން އެތަން އެހެން ހުއްޓައި އެހެން މީހަކު ވަދެ ވިޔަފާރި ފައްޓާ މައުލޫމާތު އަޅުގަނޑުމެންނަށް އެބަލިބޭ. މިހާރު އަޅުގަނޑުމެން މިގެނައި ބަދަލަކީ ސިއްހީ ކަންކަމާއި ރިލޭޓޭޑް ކަމެއްވެއްޖިއްޔާމު އެޗްޕީއޭ ނުވަތަ ފުޑް އެންޑް ޑްރަގް އޮޓޯރިޓީ ގުޅޭ އެޖެންސީއަކުން އެތަނުގައި ބަންދު ނޯޓިސް ޖަހައި އެ ނޯޓިސްއަށް އަތްލުމަކީ އެހިސާބުން ޤާނޫނީ ކުށަކަށްވާނެ.” ވަޒީރު ވިދާޅުވިއެވެ.