English Edition
Dhivehi Edition

މުސާރަ ނުލިބޭ ކަމަށް ބުނެ، މުލިއާގެ ކައިރިއަށް އިއްޔެ އެއްވި 55 ބިދޭސީންގެ މައްސަލަ ބެލުމުގައި ލޭބާ ރިލޭޝަންސް އޮތޯރިޓީން ވެސް ހަރަކާތްތެރިވަމުން އަންނަކަމަށް މިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހާއި މުލިއާގެ ހިމެނޭ “ގްރީންޒޯން”ގައި މި ބިދޭސީން ހޮނިހިރު ދުވަހުގެ ހެނދުނު މުޒާހަރާ ކޮށްފައިވާއިރު، އެއީ ކޮން ކުންފުންޏެއްގައި މަސައްކަތް ކުރާ ބިދޭސީން ކަމެއް އެނގިފައެއް ނުވެއެވެ. އެ މީހުން މުޒާހަރާ ކުރަމުން ދަނިކޮށް، ފުލުހުން ވަނީ އެމީހުން ހުއްޓުވާފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެމީހުން މުޒާހަރާ ކޮށްފައިވަނީ މުސާރަ ނުދޭތީ ކަމަށެވެ.

ފުލުހުން ބުނީ އެ މީހުން މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 38 މީހުންނާއި ބަންގްލަދޭޝްގެ 17 މީހުން ކަމަށެވެ.

އެކަމާ ގުޅޭގޮތުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގްރީން ޒޯނުގައި މުޒާހަރާކުރި ބިދޭސީންގެ މައްސަލާގައި އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނީ ތަހުގީގުތައް ނިމުމުން ކަމަށެވެ.

“އިމިގްރޭޝަން ގާނޫނުގެ ދަށުން ރާއްޖޭގައި އުޅޭ އެއްވެސް ފަރާތަކަށް ރާއްޖޭގައި ހެދިފައިވާ ގާނޫނާއި ގަވާއިދުތަކާއި ހިލާފުވާކަށް ފުރުސަތެއް ނުދެވޭނެ. އަދި އެފަދަ ފަރާތްތާއި މެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އަމަލު ކުރެވޭނެ.” ޝައްމާން ވިދާޅުވި އެވެ.

ޝައްމާން ވިދާޅުވީ، އެ ބިދޭސީންގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށް އެފަރާތްތަކުން ބުނަމުްދާތީ، މިވަގުތު ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ބޭފުޅުން ވެސް އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެފަރާތްތަކާއި މެދު ފިޔަވަޅެއް އަޅާނީ މައްސަލަ އެއްކޮށް ތަހުގީގުކޮށް ނިމުމުން ކަމަށް ޝައްމާން ވިދާޅުވިއެވެ.