English Edition
Dhivehi Edition

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ނޭޕާލް އަންހެނެއް ކަމުގައިވާ ރަޖަނީ ޝްރެސްތާ (ރިޒް) ގެ ވިޔަފާރި ހުއްޓުވައި، އެތަނުގެ ވެރިޔާއާއި ސެލޫން ހިންގަން ތިބި މީހުން ޑީޕޯޓްކޮށްލައިފިއެވެ.

ދިވެހިންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ރިޓްސް ބިއުޓީ ސެލޫނަކީ ދިވެހިންގެ ގިނަ ބަޔަކު ޚިދުމަތް ހޯދަމުންއައި ތަނެކެވެ.

2016 ވަނައަހަރު ރާއްޖެއައިސް ރާއްޖޭގައި މަސައްކަތް ކުރަމުން އައި ޝްރެސްތާ ވަނީ 2020 ވަނަ އަހަރު އިސްލާމް ދީނާ މެދު ޝައުގުވެރިވުމުން އިސްލާމްވެ، އައިޝަތު ރިޒްގިންގެ ނަމަށް ނަން ބަދަލުކޮށްފައެވެ. އޭނާ އެންމެ ފުރަތަމަ ހިންގަމުން އައި ސެލޫންއަށް ފަހު، މިއަހަރުގެ ތެރޭގައި ވަނީ އިތުރު ސެލޫންއެއް ވެސް ހުޅުވައިފައެވެ.

ސެލޫނާއި އެތަނުގެ ޚިދުމަތުގެ ކަންކަން އިމިގްރޭޝަނުން ބަލާފައިވަނީ އިމިގްރޭޝަން ވޮޗަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. އެގޮތުން އެތަނުގެ ޚާއްސަ އިންސްޕެކްޝަނެއް ހިންގާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އެ އިންސްޕެކްޝަނުން އޭނާއަކީ އޭނާއަށް ދޫކޮށްފައިވާ ވިސާގެ ބޭރުން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުން ދިޔަ މީހެއްކަން އެނގިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އިމިގްރޭޝަނުން ވިދާޅުވީ އެ ބިދޭސީ މީހާއަކީ އޭނައަށް ދޫކޮށްފައިވާ ވިސާގެ ބޭރުން ޤަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ މީހެއްކަން އެނގިފައިވާކަމަށެވެ. އަދި އެތަނުގައި ޚިދުމަތްދޭން އުޅުނު 04 ބިދޭސީ މުވައްޒަފުންގެ ސައްހަ ވިސާއެއް ނެތުމުގެ ސަބަބުން، އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސް، އޮގަސްޓު 13 ވަނަ ދުވަހު ރާއްޖެއަށް އަނބުރާ ނާދެވޭގޮތަށް ޑީޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

އިމިގްރޭޝަން ވޮޗްއަކީ ރާއްޖޭގައި ގަވައިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީންގެ މައްސަލަ ރިޕޯޓްކުރުމަށް ޖުލައި މަހުގެ 17 ވަނަ ދުވަހު ޤާއިމުކުރި ނިޒާމެކެވެ.

މިހާތަނަށް 300އާއި ގާތްކުރާ މައްސަލަ އެނިޒާމުގެތެރެއިން ހުށައަޅާފައިވެއެވެ. އަދި އެ މައްސަލަތައް ބަލައި، ޤަވައިދުގެތެރެއިން ހަރުދަނާ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.