English Edition
Dhivehi Edition

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ ކުއްޖާއަކީ އުފެދުމުގައިވެސް ބަލި ކުއްޖެއް ކަމަށާއި އެގޮތުން އެކުއްޖާއަށް ގަވައިދުން ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ކަމަށެވެ. މި ގޮތުން މިއަހަރުގެ މާޗު މަހުގެ ތެރޭގައި އެ ކުއްޖާ ބޭސްފަރުވާއަށް އިންޑިއާގެ ކޮޗިނަށް ގޮސްފައިވާކަމަށާއި، ފަރުވާއަށްފަހު އެބުރި އެ ކުއްޖާ ރާއްޖެ އައިސްފައިވަނީ މިދިޔަ ޖޫންމަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އަދި އެކުއްޖާ 16 ދުވަސްވަންދެން ކުޑަކުދިންގެ ހިޔާގައި ކަރަންޓީނު ކޮށްފައިވާކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

16 ޖުލައި 2020ގައި ކޮވިޑްއަށް ޓެސްޓް ކުުރުމުން ކުއްޖާގެ ނަތީޖާ ނެގެޓިވްކަމަށް ޖެންޑާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ކުއްޖާއަށް ސިއްހީ އިތުރު މައްސަލަތަކެއް ކުރިމަތިވެ، މިދިޔަ ހޮނިހިރު ދުވަހު ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި، އެ ހޮސްޕިޓަލުގެ އިރުޝާދުގެ ދަށުން އިތުރު ފަރުވާ އަށް އެ ކުއްޖާ އައިޖީއެމްއެޗް އަށް ދެއްކިކަމަށް ޖެންޑާއިންވަނީ ބުނެފައެވެ. އަދި އައިޖީއެމްއެޗުން 19 ޖުލައި ވަނަ ދުވަހުގެ ރޭ ހެދި ކޯވިޑް-19 ޓެސްޓުގެ ނަތީޖާ މިއަދު ހެނދުނު ލިބުނުއިރު، ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެފައިވާކަމަށް ޖެންޑާއިންވަނީ ބުނެފައެވެ.

އެހެންކަމުން، ކަމާގުޅޭ އިދާރާތަކާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާކަމަށް މިނިސްޓްރީން ބުނެފައިވާއިރު، ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންދާ ކުދިންނާއި، އެ ތަނުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ގަވާއިދުތަކާ އެއްގޮތަށް ފުރިހަމަކޮށްފައިވާ ކަމުގެ ޔަގީންކަން މިނިސްޓްރީންވަނީ ދީފައެވެ.