English Edition
Dhivehi Edition

ސުޝާންތު ސިންގް ރާޖްޕޫތަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި، އޭނާ އެކްޓިން އަށް ނުކުތް މަގުބޫލު ސިލްސިލާ “ޕަވިތުރަ ރިޝްތާ” ގެ ސީކްއެލްއެއް ހަދަން އެ ޑްރާމާގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރް ނިންމައިފިއެވެ.

ޒީޓީވީން ޖޫން 2009 އިން އޮކްޓޯބަރު 2014 އަށް ގެނެސްދިން ޕަވިތުރަ ރިޝްތާގައި ސުޝާނާތު ކުޅެފައިވާ މާނަވް ދޭޝްމުކްގެ ރޯލަށް ގިނަ ބައެއްގެ ތައުރީފް އޮހިގެން ދިޔަ އިރު މި ޑްރާމާގެ ލީޑް އެކްޓްރެސް އެއްގެ ގޮތުގައި ފެނިގެން ދިޔައީ އަންކިތާ ލޯކަންޑޭއެވެ. މެދުކެނޑުމެއް ނެތި މި ޑްރާމާގައި ސުޝާންތު ހަތަރު އަހަރު ހޭދަކޮށްފައިވާއިރު 2013 ވަނަ އަހަރު ފިލްމު “ކައި ޕޯ ޗޭ” އިން ފުރުސަތު ލިބުމާއި ގުޅިގެން އޭނާ ވަނީ މި ޑްރާމާ ދޫކޮށްލާފައެވެ. އޭގެ ފަހުން ޓީވީ ސިލްސިލާތަކުން އޭނާ ގެއްލިގެން ދިޔަ އިރު ދެން އޭނާ ފެނިގެން ދިޔައީ ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކުންނެވެ.

މިދިޔަ ޖޫންމަހު ސުޝާންތުގެ ކުއްލި މަރާއެކު ޕަވިތުރަ ރިޝްތާ ގެ ޓީމަށްވެސް ކުއްލި ސިހުމެއް ލިބިގެން ދިޔައިރު އޭނާގެ ހަނދާނުގައި އެ ޑްރާމާގެ ސީކްއެލްއެއް ހެދުމަށް އޭނާގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ވަނީ އެކްތާ އާއި މަޝްވަރާކޮށްފައެވެ. އަދި މިއީ ސުޝާންތުއަށް ދެވޭނެ އެންމެ ރަގަޅު ހަދިޔާކަމުގައި މި ދެމީހުންވެސް ބުނެފައިވާއިރު އެކްތާ މިހާރު އަންނަނީ ސްކްރީން ރައިޓަރުންނާއި ގުޅިގެން ޑްރާމާގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތެއް ރާވަމުންނެވެ. “ޕަވިތުރަ ރިޝްތާގެ ދެވަނަ ސީޒަނެއް ހަދުމުގެ ހިޔާލު ދިނީ އަންކިތާ. ސަބަބަކީ މި ސިލްސިލާއަކީ އަންކިތާއެއް ވަރަށް ހާއްސަ ސިލްސިލާއެއް.” މި ދެމީހުންގެ ގާތް ފަރާތަކުންވަނީ ހާމަކޮށްފައެވެ.

2016 ވަނަ އަހަރު އަންކިތާ އާއި ސުޝާންތު ވަކިވެފައިވާއިރު ސުޝާންތުވަނީ އޭނާ ދެކެ އަންކިތާ ލޯބިވީ މިންވަރަށް އެއްވެސް މީހަކު އޭނަދެކެ ލޯބި ނުވާނެކަމަށް ބުނެފައެވެ،