English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އަށް ދަތުރުކުރަމުން ދިޔަ ބެސްޓްލައިން ބޯޓުގައި ކަފުޖަހާފައި އޮތް ޑިންގީއެއް އަޑިއަށްދާތީ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އައްޑޫ ސިޓީގެ އިތުރުން 16 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ ބެސްޓްލައިން ބޯޓުގައި ކަފުޖަހާފައި އޮތް 22 ފޫޓްގެ ޑިންގީއެއް މޫސުން ގޯސްވެ ބަންޑުންޖަހާލައިގެން އަޑިއަށް ދާތީ އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ މެންދަމު 01:16 ގައި ކަމަށް އެމްއެންޑީއެފް އިންވަނީ ވިދާޅުވެފައެވެ. މި ބޯޓު މިހާޜު އައްޑޫ ސިޓީއަށް ދަތުރުކުރަމުން އަންނައިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން، މިއަދު ނުވަ މީހުންނާއި އެކު މާލެ އާއި 17 ނޯޓިކަލް މޭލު އިރުން ހުރާ ބޮއެ ކައިރީ މަސްވެރިކަން ކުރަން އުޅުނު “ކަނޑުރޯދި-01” ނަމަކަށް ކިޔާ ދޯންޏެއްވެސް ވަނީ އަޑިއަށް ގޮސްފައެވެ.

ދޯންޏަކުން ކަނޑުވި މީހުން ސަލާމަތްކޮށްފި

ރާއްޖޭގެ މޫސުން ގޯސްވުމުގެ ސަބަބުން ހއ.އަތޮޅުން ދ.އަތޮޅަށް އަދި ލ.އަތޮޅުން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދުތަކަށް ހުދު ސަމާލް ނެރެފައިވާފައިރު ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ބުނެފައެވެ. އުތުރާއި މެދުރާއްޖެ ތެރޭގައި ކަނޑު ގަދަ ވާނެކަމަށާއި އަދި ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިންވަނީ ލަފާކޮށްފައެވެ.