English Edition
Dhivehi Edition
މޫސުން ގޯސް ވިއްސާރަ ދުވަހެއް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާ ބެހޭ ގައުމީ މަރުކަޒު (މެޓް އޮފީސް) އިން ބުނެފިއެވެ.

ސޯޝަލް މީޑީއާގައި މެޓުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގެ ސަރަހައްދު މިވަގުތު އޮތީ ބޯ ވިލާތަކުން ފުރިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

އިއްޔެއާއި ރޭ ދެކުނުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު، އޭގެ ތެރެއިން ކޮލަމާފުށީގައި ރޭ ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އަދި މި ވިއްސާރައިގެ ސަބަބުން އެ ރަށުން ކަރަންޓުގެ ހިދުމަތްވެސް ވަނީ މެދުކެނޑިފައެވެ.

މީގެ އިތުރުން މިއަދު ޅައިމަގަށް އެރި ނަގޫރޯޅިއެއްގެ ސަބަބުން ހަތަރު ވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް މެޓުން ވަނީ ބުނެފައެވެ. މީގެއިތުރުން، މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި، ލިބުނު ގެއްލުންތައް ކައުންސިލުން ދަނީ ބަލަމުންނެވެ.

މެޓް އޮފީހުން ލަފާކުރާގޮތުގައި ކަނޑުތައް އާންމުކޮށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ގަދަވުން އެކަށީގެންވެއެވެ. އަދި އަންނަ އަންގާރަ ދުވަހުން ފެށިގެން ވަޔާއި ކަނޑުތައް އިތުރަށް ގަދަވާން ފަށާނެ ކަމަށް ލަފާކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.