English Edition
Dhivehi Edition

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ހދ. އަތޮޅުގެ ރަށްތަކަށް ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ. އެ އަތޮޅުގެ އެކި ރަށްރަށުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ ހިފާގެންގުޅޭ ސާމާނަށާއި މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އެންޑީއެމްއޭއިން ހާމަކުރި ގޮތުގައި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ރަށް ކަމަށްވާ ހދ. ނޮޅިވަރަމްގެ 95 ޕަސަންޓު ގޭގައި ވަނީ ފެންބޮޑުވެފަ އެވެ. އެ ރަށުގައި ފުލުހުންގެ އެހީތެރިކަމާއެކު ޕަންޕު ބޭނުންކޮށްގެންނާއި، ފަސް ސަރަހައްދަކުން ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެއިތުރުން ހދ. ނޮޅިވަރަންފަރުގެ 60 އަށްވުރެ ގިނަ ގެއަކުން ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވާއިރު، އެ ރަށުގައި ދެ ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހދ. ކުޅުދުއްފުށި ސިޓީގައި ވެސް ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. އެ ސިޓީގެ 190 އަށްވުރެ ގިނަ ގެއަކުން ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވާއިރު، 18 ގެއަކުން 140 އަށްވުރެ ގިނަ މީހުން ވަނީ ވަގުތީ ބޯހިޔާވަހިކަމަށް އެ ސިޓީގެ ދެ ސްކޫލަކަށް ބަދަލުކޮށްފަ އެވެ. އަދި ކުޅުދުއްފުށީގައި ފެން ހިންދުމަށް 7 ޕަންޕު ބޭނުންކޮށްގެން ސިފައިންނާއި ފުލުހުން އަދި އެހެނިހެން އިދާރާތައް ގުޅިގެން ހުއްޓުމެއްނެތި ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ހދ. ނެއްލައިދޫގެ 10 ވަރަކަށް ގެއަކަށް ފެންވަދެފައިވާއިރު، ކުމުންދޫގެ 3 ގެއަކަށް ފެންވަދެ ކާޑުގެ ބާވަތްތަކަށް ވަނީ ގެއްލުންވެފަ އެވެ. އަދި ވައިކަރަދޫގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، ނައިވަދޫ، ފިނޭ، ކުރިންބީ، ހަނިމާދޫ އަދި މަކުނުދޫގެ ހާލަތު އާންމު ގޮތެއްގައި ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ކުޅުދުއްފުށި ސިޓީއަށެވެ. އެ ސިޓީއަށް 188 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުތަކުން ދައްކަ އެވެ.