މުޅި ރާއްޖޭގެ މޫސުން ގޯސްވެ، މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މިއަދު ހެނދުނު 10:30 އިން ހަވީރު 4:30 އާ ހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. އެ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވެ، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓު ހުންނާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުން، އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް ކ. ދިއްފުއްޓަށް ރިކޯޑު މިންވަރަކަށް ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މުއްދަތުގައި ދިއްފުއްޓަށް 44 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، އއ. ތޮއްޑޫއަށް 33.2 މިލިމީޓަރު އަދި ބ. ދަރަވަންދޫ އެއާޕޯޓަށް 30.6 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
ހުޅަނގު މޫސުމުގެ ވިއްސާރައިގެ ބާރު ގަދަވެފައިވާތީ، މި ދުވަސްވަރު ހުރިހާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާގުޅުން ހުރި އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
Male’ ah boakoh vaareyvehi fenboduvejje; bodu sarahahdhakah White Alert