އެއްވެ އުޅުން ހަނިކޮށް ގާނޫނަށް ގެނެސްފައިވާ އިސްލާހާއި، މިކަން އިއުލާންކޮށް ހޯމް މިނިސްޓްރީން ކުރި އިއުލާނަކީވެސް ގާނޫނުއަސާސީއާ ސީދާ ހިލާފު ދެ އެކަށައެޅުންކަމަށާއި ކަމަށާއި، އެހެންކަމުން ގާނޫނު އިސްލާހުކޮށް، މިނިސްޓްރީގެ އިއުލާނު ބާތިލުކުރުމަށް ބާ ކައުންސިލުން ގޮވާލައިފި އެވެ.
ރޭ ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި، ކަންތައްތަކާ ގުޅުންހުރި ރައުޔާއި، މައުލޫމާތު ހާމަކުރުމަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލާ މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ގާނޫނުއަސާސީ ނެގެހެއްޓުމާއި، އިންސާނީ ހައްގުތައް ކުރިއެރުވުމަކީ ރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ އެންމެހާ ގާނޫނީ ވަކީލުންގެ ހުވައިގެ ތެރޭގައި ހިމެނިފައިވާ ކަމެކެވެ.
ހޯމް މިނިސްޓްރީ އިން 2016 ވަނަ އަހަރުގެ އޮގަސްޓު 14 ވަނަ ދުވަހު ކޮށްފައިވާ އިއުލާން ތަކުރާރުކޮށް މިދިޔަ އަންގާރަ ދުވަހު ކޮށްފައިވާ އިއުލާނަކީ ގާނޫނާއި ހިލާފު އިއުލާނެއް ކަމަށާއި އެ އިއުލާން ބާތިލުކުރުމަށް ބާ ކައުންސިލުންވަނީ ސަރުކާރަށް ގޮވާލާފައެވެ.
މީގެ އިތުރުން ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެއްވެ އުޅުމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީގެ ދަށުން ދިވެހި ދައުލަތުގެ މައްޗަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެ ހައްގު ކަށަވަރުކޮށްދިނުމަކީ ޔުނިވާސަލް ޑެކްލެރޭޝަން އޮފް ހިއުމަން ރައިޓްސް (ޔޫޑީއެޗްއާރް) އާއި ދިވެހި ދައުލަތުން ތަސްދީގުކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ތެރެއިން އިންޓަނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް)ގެ ދަށުން ދިވެހި ދައުލަތުން އަމަލުކުރަން އަހުދުވެފައިވާ ކަމެއް ކަމަށެވެ.
އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ އެއްވެ އުޅުމުގެ ގާނޫނު ހަނިކުރެވޭނީ ކުރިއަރައިފައި ވާ ދިމިގްރާތީ މުޖްތަމައުތައް ބަލައިގަނެފައިވާ މައިގަނޑު އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ. އެއީ:
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެއްވެ އުޅުމުމާއި ގުޅޭ ގޮތުން ފާސްކުރި ޤާނޫނެއްގައި ބުނާގޮތުން، ކުރިން ހުއްދަ ހޯދުމަކާއި ނުލައި އެއްވެ އުޅެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަންޏެވެ. އަދި އޭރުވަނީ އެ އިސްލާހު ތަސްދީޤުކޮށް ހަމަ އެކަނި އެއްވެ އުޅެވޭނީ ކާނިވާ ސަރަހައްދުގައި ކަމަށް ނިންމާފައެވެ. މި ނިންމުމާއި ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ޔާމީންގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވާއިރު، މިހާރުގެ ސަރުކާރުންވެސް އެ އިސްލާހަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.