English Edition
Dhivehi Edition

ބާ ކައުންސިލުން ރާއްޖޭގައި ބޭއްވި ފުރަތަމަ ބާ އިމްތިހާނު ނިންމާލައިފިއެވެ.

ބާ ކައުންސިލުން ބުނީ މި އިމްތިޙާނަށް ރަޖިސްޓްރީވި ކެެންޑިޑޭޓުންގެ ތެރެއިން 98.3 އިންސައްތަ ކެންޑިޑޭޓުން އިމްތިހާނަށް ހާޒިރުވެފައިވާ ކަމަށެވެ. އެގޮތުން މާލެއާއި އައްޑޫގައި ކުރިއަށްގެންދިޔަ މި ބާ އިމްތިޙާނުގައި 176 ކެންޑިޑޭޓުން ބައިވެރިވެފައިވާކަމަށް ބާ ކައުންސިލުން ބުނެއެވެ.

މިއީ ރާއްޖޭގައި މިފަދަ އިމްތިހާނެއް ބޭއްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، ގާނޫނީ ވަކީލުންގެ އެހީތެރިކަމާއިއެކު ބާކައުންސިލުންވަނީ ކެންޑިޑޭޓުން އިމްތިހާނަށް ތައްޔާރުކޮށްދިނުމަށް ދުރާލައި ލިޔެކިޔުންތަކެއްވެސް ތައްޔާރުކޮށްދީފައެވެ.

މީގެ އިތުރުން އިމްތިހާނުގެ ނަމޫނާ ކަރުދާސްތަކެއް ކެންޑިޑޭޓުންނަށް ފޯރުކޮށްދިނުމުގެ އިތުރުން ކެނޑިޑޭޓުންނަށް އިތުރު ފަސޭހައަކަށް އިމްތިހާނުގެ ދާއިރާތަކުން 18 ލެކްޗަރު ވަނީ ދީފައެވެ.

ރާއްޖޭގައި ގާނޫނީ ވަކީލްކަމުގެ ހުއްދަ ހޯދުމަށް 2019 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ބާ އެގްޒާމްގެ ބޭނުމަކީ ވަކީލުކަމުގެ ހުއްދަ ހޯދާ ފަރާތްތަކުން ރާއްޖޭގެ ގާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު ދެނެގަތުމެވެ. މިއީ އަހަރަކު އެއް ފަހަރު ބާއްވަން ނިންމާފައިވާ އިމްތިހާނެކެވެ.

ރާއްޖޭގައި ގާނޫނީ ވަކީލް ކަމުގެ ހުއްދަ ހޯދުމަށް ބާ އިމްތިހާނު ފުރިހަމަކޮށް އަދި ތަމްރީން ޕްރޮގްރާމެއް ވެސް ފުރިހަމަކުރަން ޖެހެއެވެ.