English Edition
Dhivehi Edition
ފޮޓޯ: ސޯޝަލްމީޑިއާ

އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން ކުރަމުންދާ މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް, އެ މުޒާހަރާގެ އިސްކޮށް ހަރަކާތް ތެރިވި ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މިރޭ މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަގީޗާގެ / ނ.ކުޑަފަރި، ޢަބްދުﷲ މަޙްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ / މާލެ، ޢާއިޝަތު ޝިމަން އަޙްމަދު (19އ) ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޢަބްދުﷲ މަޙްޒޫމް މާޖިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށާއި ޢާއިޝަތު ޝިމަން އަޙްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ހައްޔަރުކުރި މި ދެމީހުންނަކީ ހަރަކާތުގައި އިސްކޮށް އުޅޭދެމީހުންނެވެ. ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން މަޙްޒޫމަށް އަނިޔާލިބިފައި ވާތަންފެނެއެވެ.

މި މުޒާހަރާއަކީ ޔުމްނު ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ޒުވާނުންތަކެއް އިސް ނަގައިގެން ކުރިއަށް ގެންދާ މުޒާހަރާއެކެވެ.