މީގެ އެއްމަސް ދުވަސްކުރިން އަމިއްލަ އަށް މަރުވި ބޮލީވުޑްގެ މަޝްހޫރު ތަރި ސުޝާންތު ސިންގް ރާޖްޕުތްގެ މަރާއެކު ގިނަ ވާހަކަތަކެއް ފެންމަތިވެގެން ދިޔައެވެ. ބޮލީވުޑްގައި ގެންގުޅޭ ތަފާތުކުރުންތަކުގެ ވާހަކައާއި އެކު ސުޝާންތު އާއި ދޭތެރޭ ބޮލީވުޑްގެ ބައެއް ފަންނާނުން ކަންތައް ކުރި ގޮތުން އޭނާ ޑިޕްރެޝަން އާއި ހަނގުރާމަކޮށް އެންމެ ފަހުން އަމިއްލަ އަށް މަރުވީ ކަމުގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެހެންނަމަވެސް މި ވާހަކަތަކުގެ މިސްރާބު ބަދަލުވެގެންދިޔައީ ސުޝާންތު އަކީ އަމިއްލަ އަށް މަރުވާނެ މީހެއް ނޫންކަމަށާއި މި މައްސަލަ ރަނގަޅަށް ބަލައި ތަހުޤީޤުކޮށް ދިނުމަށް އޭނާގެ ބޭބެ ގޮވާލުމާއި ގުޅިގެންނެވެ.
މި ހާދިސާގެ މައްސަލަ ތަހުގީގުކުރާ މުމްބާއީގެ ފުލުހުންގެ ޓީމުން މީގެ ކުރިން ބުނީ ސުޝާންތުގެ ޕޯސްޓްމޯޓަން ހެދި މުމްބާއީގެ ކޫޕާ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމުން ހުށަހެޅި ރިޕޯޓްގައި ސުޝާންތު މަރުވީ ސީދާ އަމިއްލަ އަށް، ދަންޖެހިގެން ކަމަށް ލިޔެފައިވާކަމަށާއި އެހެންވެ މަރުގެ ސަބަބެއް ކަމަށް ބުނެފައިވަނީ ދަންޖެހުމުން ނޭވާ ހާސްވުންކަމަށެވެ.
ސުޝާންތުގެ މަރާއި ގުޅިގެން އޭނާއާއި އެކިއެކި ގޮތްގޮތުން ގުޅުން ހުރި މީހުންނާއި ސުވާލުކޮށްފައިވާއިރު އޭގެ ތެރޭގައި ސުޝާންތުގެ ގޭގައި މަސައްކަތްކުރާ ނޯކަރުންނާއި، މަޝްހޫރު ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އިތުރުން އޭނާގެ ލޯބިވެރިޔާ އާއި އާއިލާވެސް ހިމެނެއެވެ. މި ގޮތުން މި ތަހުޤީގުގައި މީގެ ކުރިންވެސް ސުޝާންތުގެ ދައްތަގެ އިތުރުން އެގޭގެ ކައްކާ އާއި ސުވާލުކޮށްފައިވާއިރު، ފުލުހުންވަނީ މި ތަހުޤީގުގައި ދެވަނަ ފަހަރަށް އެމީހުންނާއި ސުވާލުކޮށްފައެވެ.
މިގޮތުން ސުޝާންތު މިދިޔަ ޖޫންމަހުގެ 11 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާއި ހަމައަށް ސުޝާންތުގެ ފަރާތުން ފެނުނު ކަންތައްތަކާއި ބެހޭ ގޮތުން އެގޭގެ ކައްކާ، ނިރާޖް އާއި ސުވާލުކޮށްފައިވާއިރު ސުޝާންތު މަރުވި ދުވަހު އޭނާ ކެއި އެއްޗެއްސާއި ބެހޭ ގޮތުންވެސް ފުލުހުންވަނީ ސުވާލުކޮށްފައެވެ.މީގެ އިތުރުން ފުލުހުންވަނީ ސުޝާންތުގެ ކޮންމެ ދުވަހެއްގެ ޝެޑިއުލް އާއި އޭނާގެ އުޅޫމާއި ބެހޭ ގޮތުންވެސް، ސުޝާންތު މަރުވެފައި އޮއްވާ އެންމެ ފުރަތަމަ ފެނުނު މީހުންގެ ތެރޭގައި ހިމެނޭ ނިރާޖް އާއި ސުވާލުކޮށްފައެވެ.
މީގެ އިތުރުން ފުލުހުންގެ ތަހުޤީގުގައި ސުޝާންތުގެ ދައްތަގެ ދެ ވަނަ ބަޔާނެއްވެސް ފުލުހުންވަނީ ނަގާފައެވެ. މި ގޮތުން ފާއިތުވެ ތިން މަސްދުވަހުގެ ތެރޭގައި ސުޝާންތު އާއި އޭނާގެ ލޯބިވެރިޔާ ރިއާ އާއި ބެހޭ ގޮތުން ސުޝާންތު ދެއްކި ވާހަކަތައް ފުލުހުންވަނީ އޮޅުންފިލިވާފައެވެ.އަދި ރިއާ އާއި ސުޝާންތު އާއި މެދު އެއްވެސް ޒުވާބެއް ހިނގިތޯ އާއި އެ ގުޅުން ކުރިއަށް ދިޔަ ގޮތާއި ބެހޭ ގޮތުންވެސް ފުލުހުންވަނީ ސުވާލުކޮށްފައެވެ.
ސުޝާންތު ދަންޖެހިފައި ހުއްޓައި ފެނުނީ މުމްބާއީގައި އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓްގެ ކޮޓަރިތެރޭގައި މިދިޔަ ޖޫންމަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.ސުޝާންތު މަރާ ގުޅިގެން އޭނާ އުފަން ސްޓޭޓް ބިހާރާއި އަމިއްލަ ވަޒަން ކަމަށްވާ ޕަޓްނާގައި ވަނީ ބޮލީވުޑްގެ ނުފޫޒު ގަދަ ބައެއް މީހުންނާ ދެކޮޅަށް މުޒާހަރާ ވެސްކޮށްފައެވެ.