އިސްލާމް ދީނަކީ އަންހެނުންގެ ހިމާޔަތުގައި އޮތް ދީނެއް ކަމަށާއި އެ ދީން ބޭނުން ކުރަނީ ދިވެހި އަންހެނުންނާއި އުންމަތުގެ ހުރިހާ އަންހެނުންނަށް ފުރައްސާރަ ކުރަންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، ޑރ. މުހައްމަދު އިޔާޒް އަށް ރައްދު ދެއްވައިފިއެވެ.
ޑރ. މުހައްމަދު އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންހެން މީހާ އައުރަ ނިވާ ކުރީމަ، ޖިންސީ އަނިޔާއެއް ނުހިނގާނެ ކަމަށާއި އަދި ފާހިޝް އަމަލުތައް ހިންގާ ދޮރުތައް ބަންދު ކުރަން ޖެހޭކަމަށެވެ.
ޖިންސީ ކުށުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ ޑރ. އިޔާޒް ކުރެއްވި ޓުވީޓުގެ ވާހަކަ ވަރަށް ގިނަ އަންހެނުން، އީވާއާ ހިއްސާކުރައްވާފައިިވާ ކަމަށެވެ. އިތުރަށް އީވާ ވިދާޅުވީ ޝެއިޚުން ކަމަށް ބުނާ ބޭފުޅުން މިފަދަ ވާހަކަ ދެއްކުމަކީ އިސްލާމް ދީނަށާއި، ދީން ދަންނަ ބޭކަލުންނަށް ހުތުރު އެރުވުންކަމަށެވެ.
“”ޓުވިޓާ ހޭންޑަލްގެ ކުރިއަށް ޑޮކްޓަރު ޖަހާލާފައި، ޓީވީއަށް އަރާ އިނދެ ޝެއިޚް ކިޔާލާފައި މި ލިޔެލަނީ އަންހެން މީހާ އައުރަ ނިވާ ވީމާ ޖިންސީ އަނިޔާއެއް ނުހިނގާނޭ. މީ މުޑުދާރު ވާހަކައެއް. ދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް ފުރައްސާރަ ކުރަން. ތި ޓުވިޓާ ހޭންޑަލް ބޭނުން ކުރިއްޔާ މި މައިކް، ގަލޮޅު އުތުރުގެ މި މައިކް އަޅުގަނޑުގެ އަތުގައި އޮތްހާ ހިނދަކު އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑު އިރާދަކުރެއްވިއްޔާ ދިވެހި އަންހެނުންގެ ހިމާޔަތުގައި، އެ ކުރާ ފަޟީހަތް ކުރަން، އެ ކުރާ ގޯނާ ކުރަން ދިޔަކަ ނުދޭނަމޭ. އަޅުގަނޑު މި މައިކް އިރާދަކުރެއްވިއްޔާ އޭނާއާ ދެކޮޅަށް ބޭނުންކުރާނަމޭ،” އީވާ ވިދާޅުވިއެވެ.
އިސްލާމް ދީނުގެ ނަމުގައި ޖިންސީ ފުރައްސާރަ އަށާއި ގޯނާއަށް ހިތްވަރު ލިބޭ ގޮތަށް ބައެއް ދީނީ އިލްމުވެރިން ވާހަކަ ދައްކަވާކަން ފާހަގަކުރައްވަމުން އީވާ ވިދާޅުވީ ޖިންސީ ކުށުގެ ޝިކާރައަށް އަންހެން ކުއްޖަކު ދަނީ އޭނާ ލައިގެން ހުންނަ ހެދުމެއްގެ ސަބަބުން ކަމަށް ދެކޭ ދެކުމަކީ ލާއިންސާނީ އަމަލެއް ކަމަށެވެ. އަދި ޖިންސީ އަނިޔާ ކުރާ މީހުން ކުށުން ބަރީއަކޮށް، އަނިޔާ ލިބެނީ އަންހެން މީހާ އަޅައިގެން ހުންނަ ހެދުމުގެ ސަބަބުން ނުވަތަ ދިޔަ ތަނެއްގެ ސަބަބުން ކަމަށް ބުނުމަކީ ޖިންސީ އަނީޔާއަށް ހިތްވަރު ދިނުންކަމުގައި އީވާ ވަނީ ސިފަކުރައްވާފައެވެ.