ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން އަންހެނުންގެ ސިއްހަތަށް ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ގައުމީ ފެންވަރުގައި ރަނގަޅު ދިރާސާއެއްކޮށް އެ ދިރާސާގެ އަލީގައި ކަމާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އެވެ.
“ސިއްހީގޮތުން އަންހެނުންނަށް ދިމާވާ މައްސަލަތައް ގިނަކަން ފާހަގަކުރެވޭ ހިނދު، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތަފާތު އެކި މައްސަލަައް ކުރިމަތިވެގެންދާ ހިނދު، އަދި، އެފަދައިން ދިމާވާ މައްސަލަތައް ދެނެގަތުން މުހިންމު. އޭގެތެރެއިން އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ދިމާވާ މައްސަލަތައް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ހައިޟުވުމުގައި ދިމާވާ މައްސަލަތައް، ދަރިމައިވުމުގައި ދިމާވާ މައްސަލަތައް، ދަރިމައިނުވެގެން ކުރަންޖެހޭ ފަރުވާ އަދި މާބަނޑުވެގެން ވިހެއުމާއި ހަމައަށް ނުވަތަ ވިހެއުމަށްފަހުވެސް ދިމާވާ މައްސަލަތައް ހިމެނޭ ” މި ގަރާރުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ގަރާރުގައި ވަނީ ޖިސްމާނީގޮތުން ނާއި ނަފްސާނީ ގޮތުން އަދި މާލީ ހާލަތު ހުންނަ ގޮތުން ނުވަތަ އާއިލީ ޒިންމާތަކުގެ ސަބަބުން، ނުވަތަ އަންހެނަކަށް ވީތީ ކުރިމަތިކުރުވާ ތަފާތުކުރުންތަކުގެ ސަބަބުން ފަދަ ކަންތައްތައް ފާހަގަކޮށްފައެވެ.
އަދި މި ކަންކަމަށް ބަލާއިރު، އަންހެނުންގެ ސިއްހަތަށް ދިމާވާ އެކިއެކި މައްސަލަތައް ހަައްލުވާންއޮތީ އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކާއި އަންހެނުންގެ ސިއްހީ ދުޅަހެޔޮކަމާއި އިޖްތިމާއީ ހާލަތަށް ރިއާޔަތްކޮށް ފުޅާ ދާއިރާއެއްގައި އެކަންކަން ދިރާސާކުރެވިގެންކަމަށް ގަރާރުގައި ބުނެފައިވެއެވެ. ބުނެފައިވެއެވެ.
ހަމަ އެއާއެކު މިފަދަ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި، ގައުމީ ފެންވަރުގައި އެ މައްސަލަ ފުޅާ ދާއިރާއެއްގައި ދިރާސާކޮށް، އެ ދިރާސާގެ އަލީގައި ކަމާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ކުރަންޖެހޭ ކަންކަން ވީހާވެސް އަވަހަކަށް ކުރުމަށް ސަރުކާރާއި ކަމާގުޅޭ ހުރިހާ މުއައްސަސާތަކަށް ގޮވާލާ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.