ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް, ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި ނޯޓިސް ފޮނުވައިފިއެވެ.
50 މެންބަރަކު ސޮއިކުރައްވައި ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައި ގަނެ، އީވާ އަށް 14 ދުވަހުގެ ނޯޓިސް މިވަނީ ފޮނުވާފައެވެ. އީވާ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި މި މަހުގެ 13 ގައެވެ.
ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ސޮއިކުރައްވައި ހުށަހެޅި އެ ގަރާރުގައި ބުނެފައި ވަނީ އޭރު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އީވާ ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށާއި އެކި ގޮތްގޮތުން ނުފޫޒު ފޯރުވައި އަމިއްލަ މަސްލަހަތު އިސްކުރައްވަމުން ގެންދަވާ ކަމަށެވެ.
އެމްޑީޕީގެ ގަރާރުގައި އިތުރަސް ބުނެފައިވަނީ އީވާ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް އައްޔަން ކުރެވުނީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންގެ މެދުގައި ނެގުނު ވޯޓަކުން ކަމަށެވެ. އެހެންނަމަވެސް އީވާ އަމިއްލައަށް އެދިގެން ޕާޓީން ވަކިވެފައިވާތީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންގެ އިތުބާރު އީވާއަށް ގެއްލިފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު މަޤާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާ ކުރިޔަށް ނުގެންގޮސް ޤަވައިދާ ޚިލާފަށް އީވާ އެ މައްސަލައަށް ހުރަސް އަޅަމުންދާ ކަމަށް އެ ޤަރާރުގައި ބުނެފައިވެއެވެ.
އީވާ އާއި ނަޝީދަކީ ދެބެންދެދަރި ބޭފުޅުން ކަމަށް ވީއިރު، ނަޝީދުގެ މައްސަލައިން ތަނާޒުލުވާން ދެކޮޅު ހައްދަވާފައިވަނީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފަށް ކަމަށް ވެސް ގަރާރުގައި ވެއެވެ