ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ދެ ކޮމިޝަނަށް ގާނޫނުން މަތިކޮށްފައިވާ ވާޖިބު އަދާނުކުރެވޭ ކަމަށާއި އެހެންކަމުން މިހާރު އެ ދެ ކޮމިޝަން އޮތުމުގެ ބޭނުން ވިސްނިވަޑައިނުގަންނަވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މި ސަރުކާރުން އެކުލަވާލި, ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި، ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުން ގާނޫނުގައި ބުނާ މަސައްކަތްތައް ކުރެވުނު ކަމަށް ދަންނަވަން ވަރަށް ދަތި ކަމަށެވެ. “އަޅުގަނޑުގެ ބުއްދިއަށް މިހާރު ފެންނަނީ މި ދެ ކޮމިޝަނަކީ ބޭނުންްތެރި ކޮމިޝަނެއް ނޫން ކަމަށް. އެ ތަންތަން މިހާރު އުވާލެވެން ޖެހޭ ކަމަށް. ބޭކާރު ބޭނުން ނެތް ހަރަދު، ހާއްސަކޮށް ކޮވިޑްގެ ދަތީގައި ކުރުމުގެ އެއްވެސް ބޭނުމެއް ނެތް،” ރައީސް ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ ދެ ކޮމިޝަން އޮތުމުގެ ބޭނުމެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އިރު، ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގައި ބުނާގޮތުން އެވަގުތަކު އުފައްދާ ރިޔާސީ ކޮމިޝަނެއް އުވާލެވޭނީ ކޮމިޝަންގެ މަސައްކަތް ނިމުމުން ނުވަތަ އެނޫންވެސް ސަބަބަކަށްޓަކައި އެ ކޮމިޝަނެއް އުވާލުމަށް ނިންމައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގަރާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމުންނެވެ.