English Edition
Dhivehi Edition

އާސަންދައިގެ ދަށުން ނޫނަސް, ކްރިޓިކަލް ފަރުވާ ބޭނުންވާ ފަރާތްތަކަށް އިންޑިއާއަށް ބޭސްފަރުވާކުރުމަށް ދިޔުމުގެ ފުރުސަތު އެ ގައުމުން ހުޅުވާލައިފިއެވެ.

މިއީ އިންޑިއާ އިން ރާއްޖެއަށް ދިން ހާއްސަ ހުއްދައެއްކަން ފާހަގަކުރައްވާ ފޮރިން މިނިސްޓްރީ އިން ބުނީ ކްރިޓިކަލް ކެއަރ ބޭނުންވާ ފަރާތްތަކުގެ ތެރެއިން، އިންޑިއާއަށް ދިޔުމަށް އެދޭ ފަރާތްތަކުން، އެކަމަށް އެދި ފޮރިން މިނިސްޓްރީގެ ކޮންސިއުލަރ ޑިޕާޓްމަންޓަށް އީމެއިލް ކުރުމުން އެކަންތައް ކުރިއަށްދާނެ ކަމަށެވެ.

އިންޑިއާއަށް ބޭސްފަރުވާއަށް ދިއުމުގެ އިންތިޒާމުތައް ކުރިއަށްދާނެ ގޮތް ހާމަކުރައްވަމުން ފޮރިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީ މެދުވެރިކޮށް އިންޑިއާއަށް ދިޔުމުގެ ހުއްދައަށް އެދުނުނަމަވެސް، ދަތުރުކުރެވޭނީ އިންޑިއާ ސަރުކާރުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު ހުއްދަ ދޭ ފަރާތްތަކަށް ކަމަށެވެ. އަދި ދަތުރުކުރުމުގެ ހުއްދަ ލިބޭ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް، މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މެޑިކަލް ވިސާ ނަގަން ޖެހޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. އިތުރަށް ފޮރިން މިނިސްޓްރީން ބުނީ ބޭސްފަރުވާއަށްދާ ފަރާތްތަކުން އިންޑިއާގައި ތިބުމާއި، ކަރަންޓީންވުމުގެ އިންތިޒާމްތަކުގެ އިތުރުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސަން ޖެހޭނީ އެފަރާތަކުން އަމިއްލައަށް ކަމަށެވެ.

ކްރިޓިކަލް ފަރުވާ ހޯދުމަށް ދިވެހިންނަށް ދިން ޚާއްސަ ހުއްދައަކީ މިގޮތަށް އެގައުމުން ދިން ފުރަތަމަ ހުއްދަކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް19 ގެ ހާލަތާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށް، ބައެއް ސަރަހައްދުތައް ލޮކްޑައުންގައި އޮތް މި ހާލަތުގައި މި ހާއްސަ ހުއްދަ ލިބިގެން ދިޔައީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި އިންޑިއާ ސަރުކާރާއި، މާލޭގައި ހުންނަވާ އިންޑިއާ ސަފީރާއެކު ކުރެއްވި މަޝްވަރާތަކަށްފަހު ކަމަށެވެ.

އިންޑިއާއަށް ބޭސްފަރުވާއަށް ދާން ބޭނުންވާ ފަރާތްތަކުން މިކަމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ނަންބަރު 7983400 އިން ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީންވަނީ ބުނެފައެވެ.

މިދިޔަ މަހުގެ ތެރޭގައިވެސް އިންޑިއާއިން ވަނީ، ބަލިހާލު ބޮޑުވެފައިވާ 37 ދިވެހިން، ބޭސް ފަރުވާ ކުރުމަށް އިންޑިއާގެ ކޮޗިން އަށް ދިއުމުގެ ހުއްދަ ދީފައެވެ.